ޚަބަރު

ތެލެސީމިޔާ ކުދިން އިތުރުވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް - ނާޡިމް


ތެލެސީމިޔާ އަކީ ކޮން ބައްޔެއްކަން އެނގިތިބެ ތެލެސީމިޔާ ކުދިން ރާއްޖޭގައި އިތުރުވެގެންދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ހެލްތު މިނިސްޓަރ އަބްދު ﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، މިއަހަރު ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކުދިންނަށް އެކަމުގެ ލިޔުން ޙަވާލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒަކާތުފަންޑުގެ އެހީގައި މިއަހަރު ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ 6 ކުދިންނަށް އެކަމުގެ ލިޔުން ޙަވާލުކޮށްދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވުން ހެލްތު މިނިސްޓަރ ޢަބްދު ﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ތެލެސީމިޔާއަކީ ކޮންބައްޔެއްކަން އެނގިތިބެ މިބަލީގެ ކުދިން ރާއްޖޭގައި އިތުރުވެގެން ދިއުމަކީ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. ތެލަސީމިޔާއަށް އާންމުން ހޭލުންތެރި ކުރުމަށް 2015 ވަނަ އަހަރުވެސް މޯލްޑިވްސް ބްލަޑް ސާރވިސްއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ތަފާތު އެކި ޕްރޮގްރާމްތައް ހިންގަވާފައިވާ ކަމަށާއި، ކުރިއަށްއޮތް ތަނުގައިވެސް މިފަދަ ޕްރޮގްރާމްތައް ހިންގެވުމަށް ރާއްވަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ނާޡިމް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ މިދައުރުގައި 25 ކުދިންނަށް ބޯންމެރޯ ހައްދަވައިދެއްވާނެ ކަމަށް ވެވަޑައިގެންފައިވާ ވަޢުދު މިއަދު ލިޔުން ޙަވާލު ކުރެވުނު 6 ކުދިންނާއެކު ފުއްދިފައިވާ ކަމަށާއި އެހެންކަމަވެސް ކުރިއަށްއޮތް ތާންގައިވެސް މި ސިޔާސަތު މިގޮތަށް މި ސަރުކާރުން ދަމަހައްޓަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. img:http://s4.psmnews.mv/images/660x400/14694451897040.jpg|ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް - ފައިލް ފޮޓޯ: ޕީއެސްއެމް

"އަޅުގަނޑު ދިވެހި ރައްޔިތުންނަށް ހަނދާން ކޮށްލަދޭން ބޭނުންވާ ކަމަކީ ކުރިންދެންނެވި 25 ދަރިވަރުންގެ ބޯންމެރޯގެ ކަންތައް ސަރުކާރުން އެވަޢުދު އޮތްކަމުގައިވިޔަސް އަޅުގަނޑުމެންގެ އަމާޒަކީ ހަމަ ކުރިއަށް އޮތްތަނުގައިވެސް ޒަކާތުގެ ފަންޑުގެ އެހީއާއި އަދި އެހެނިހެން ގޮތްގޮތުންވެސް ދެންވެސް އެކަމަށް އިންތިޒާރުކޮށްގެން ބިތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވައި ސަރުކާރުން މި ނިޒާމް ހަމަ ކުރިއަށް ގެންދިއުން. ކުރިއަށް އޮތް ދެ އަހަރުވެސް އަދި އޭގެ ކުރިއަށްއޮތް ފަސް އަހަރުގައިވެސް އަޅުގަނޑުމެންގެ މި ސިޔާސަތު ހަމަ މިގޮތަށް ދަމަހައްޓާނަން." ހެލްތު މިނިސްޓަރ އަބްދު ﷲ ނާޡިމް ވިދާލުވިއެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ވަނީ މިފަދަ ކަންކަމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ރާއްޖޭގައި ޒަކާތްދައްކާ މީހުންގެ އިންސައްތައަކީ 10 އިންސައްތަކަން ފާހަގަކުރައްވާ އިސްކާމިކް މިނިސްޓަރ ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމުން އުޅޭ ޤައުމަކަށްވާއިރު އިސްލާމްކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ޒަކާތް ދެއްކުމާއިމެދު ކޮންމެ ރައްޔިތަކުވެސް ފަރުވާތެރިވާން ޖެހޭ ކަމަށެވެ. img:http://s2.psmnews.mv/images/660x400/14804946477691.jpg|އިސްލާމިކް މިނިސްޓަރ ޒިޔާދު - ފައިލް ފޮޓޯ: ޕީއެސްއެމް

"މިއަދުވެސް ދުނިޔޭގެ ގިނަ އިސްލާމީ ޤައުމުތަކުގައި ޒަކާތް ނެގުމާއި ޒަކާތް ބެހުމަކީ ދައުލަތުގެ ޒިންމާއެއް. އެހެންވީމަ ދައުލަތުން މިހާ ބުރަ މަސައްކަތް ކުރަމުންދާއިރު، ޤައުމަށް ނިސްބަތްވާ ހުރިހާ މުސްލިމުންވެސް ދައުލަތަށް އެއްބާރުލުންދީ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާ. ސަރުކާރުގެ އުސޫލުތަކާއި ހަމަތައް ހިފަހައްޓަން ތިބި ބަޔަކީ އެމުޖުތަމަޢެއްގެ ރައްޔިތުން. ދަރިން. އެހެންވީމާ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ކުރިއަށް އޮތްތަނުގައި އިރާދަކުރެއްވިއްޔާ މިހާރަށްވުރެ ބޮޑަށް ދިވެހި ރައްޔިތުންގެ ދީނީ ޙޭލުންތެރިކަން އިތުރުވެ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ޒަކާތާ ދޭތެރޭގައި ލޯ ހުޅުވި މިހާރަށްވުރެ ބޮޑަށް މި ދިހަ ޕަސެންޓު އަޅުގަނޑު އުއްމީދުކުރާ ގޮތުގައި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި މިއަހަށްވުރެ މާ މަތީ ޕަސެންޓަކަށް ގެންދެވި ދިވެހި މުޖުތަމައުގައި ހުރި މިކަހަލަ މިފަދަ އެތައް ކަމެއް ޙައްލުކުރުމަށް އަޅުގަނޑުމެންނަށް ފުރުޞަތު ލިބިގެންދާނެ." އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒިޔާދު ވިދާޅުވިއެވެ.

ޒަކާތުފަންޑުގެ އެހީގައި މިއަހަރު ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ހަ ކުދިންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމެވެ. ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ކޮންމެ ކުއްޖަކަށް 9 ލައްކަ ރުފިޔާއަށް ވުރެ ގިނައިން ޚަދަރުވާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.