ދީން

ދީނީ ޗެނަލެއް ހެދުމަށް ޕީއެސްއެމްއާއެކު ސޮއިކުރައްވައިފި


ދިވެހިރައްޔިތުންގެ ދީނީހެލުންތެރިކަން އިތުރުކުރެއްވުމަށާއި ދީނީ ވަޙްދަތު ހިފެހެއްޓެވުމަށް ދިވެހިދައުލަތުން ކުރައްވާ މަސައްކަތް ވަރުގަދަ ކުރައްވައި ދެމެހެއްޓެވުމަށް އިތުރު ބާރެއްގެގޮތުގައި އުފައްދަން ހަމަޖެހިފައިވާ ދީނީ ޓީވީ ޗެނަލް އުފެއްދުމާއި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވެވީ ސެނެކޯމާލަމުގައެވެ. މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޚަލީލްއެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ބާޤިރުއެވެ.

ދީނީ ޗެނެލްއެއް ހެދުމުގެ އެއްބަސްވުމުގައި ޕީއެސްއެމާއި އިސްލާމިކް މިނިސްޓްރީއާ ސޮއިކުރެއްވިއިރު މިޗެނަލްގެ މައިގަނޑު މަޤްޞަދަކީ އިސްލާމްދީނަކީ ޢިލްމުގެ ދީނަކަށްވުމުން އެ ދީނުގެމަޢުލޫމާތު އާންމުންނާ ހަމައަށް ފޯރުކޮށްދެއްވުމަންނެވެ. އަދި އިސްލާމްދީނަކީ އުނގަންނައި ދިނުމާއި އަންގައިދިނުމުގެ ދީނަކަށްވުމުން ދީނާ ގުޅޭ ގޮތުން އާންމުނަށް ނޭނގޭ މަޢުލޫމާތުތައް ފޯރުކޮށްދިނުމަކީވެސް މި ޗެނަލް ވުޖޫދަށް ގެނައުމުގެ މަޤްޞަދެކެވެ.

ދީނީ ޗެނަލްއެއް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ބާޤިރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވެރިކަމަށް ވަޑައިގަތީ ޤައުމުގައި ހުރި މައްސަލަތައް ޙައްލުކުރެއްވުމަށް ކަމަށާއި އަދި ވަކިވަކި ދާއިރާތަކަށް ޚާއްޞަ މީހުންނާ މަސްއޫލިއްޔަތުތައް ޙަވާލުކުރައްވައި އެ ދާއިރާތައް ހިންގެވުން ޙަވާލުކުރެއްވި ކަމަށެވެ. އެގޮތުގެ މަތިން އިސްލާމިކް މިނިސްޓްރީއާ ގުޅޭ ދާއިރާތަކުގައި ހުރި މައްސަލަތައް ޙައްލުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ޒިޔާދު ވިދާޅުވީ ދީނީ ޗެނަލްއެއް އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ އެ މަސައްކަތުގެ ތެރެއިންކަމަށެވެ. 

img:http://s2.psmnews.mv/images/660x400/14804946477691.jpg|އިސްލާމިކް މިނިސްޓަރ ޒިޔާދު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ

މިނިސްޓަރ ޒިޔާދު ވިދާޅުވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއަށް ދިވެހި ދައުލަތުގައި ދީނީ ކަންކަމަށް އެންމެ ބާރުގަދަ މުއައްސަސާއަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ކަމަށެވެ.

ޤައުމީ ދުވަހާ ގުޅުވައިގެން ވާހަކަދައްކަވަމުން މިނިސްޓަރ ޒިޔާދު ވިދާޅުވީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިން ސަލާމަތްކުރެއްވި ބޮޑުތަކުރުފާނު މިއަދު ނެތް ކަމަށާއި އެނަން ކިޔުއްވާ ބޭފުޅެއްވެސް މިއަދު ނެތް ކަމަށެވެ. ނަމަވެސް ބޮޑުތަކުރުފާނުގެ ހަށިކޮޅުގައި ހުރިލެއާއި އެ ހިތްވަރު މިއަދު ހުރިހާ ދިވެހިންގެ ގައިގައި ހުންނަންޖެހޭ ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އޭރު ކަނޑިއާއި ބަޑި ހިފައިގެން ހަނގުރާމަކުރުމަށް އައިނަމަވެސް މިއަދު ދުނިޔޭގެ އެކިހިސާބުތަކުން ޤައުމުތަކާ ހަނގުރާމަކުރާނީ ފިކުރުން ކަމަށެވެ. 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި ޕީއެސްއެމް ގުޅިވަޑައިގެން ދީނީ ޗެނެލްއެއް އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ވިދާޅުވީ ޕީއެސްއެމްގެ ޤާނޫނުން ކުންފުނީގެ މައްޗަށް މަތިކޮށްފައިވާ އެންމެ ބޮޑު އެއް ވާޖިބަކީ ދިވެހި ދައުލަތް ދެމެހެއްޓުން ކަމަށާއި އެ މަސައްކަތް ކުރުމުގައި ފަސްޖެހުމެއް ނެތި ދެމި ތިއްބަވާނެ ކަމަށެވެ. އަދި ޤާނޫނުގައި މާތްވެގެންވާ އިސްލާމްދީން ދެމެހެއްޓުމަށް ޕީއެސްއެމްގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމަށް އިކްރާމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14804946997713.jpg|ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ

މި ރަސްމިއްޔާތުގައި އިކްރާމް ވަނީދިވެހި ދައުލަތުން ރާއްޖޭގައި އިސްލާމްދީން ފެތުރުމަށާއި އިސްލާމްދީނުގެ ކަންކަމަށް ދެއްވާ އަހައްމިޔަތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ދީނީ ޗެނެލްއެއް އުފެއްދެވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވިއިރު ޕީއެސްއެމްއިން ގެންދަނީ ދީނީ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ރޭޑިއޯ ޗެނެލްއެއްވެސް ތަޢާރަފްކޮށް އެ ޚިދުމަތްދެމުންނެވެ.