ޚަބަރު

ކިޔެވުމަށް ބޭނުންވާ ސާމާނު ޞަދަޤާތު ފައުންޑޭޝަނުން ފޯރުކޮށްދެނީ


ސްކޫލް ކުދިންގެ ކިޔެވުމަށް ބޭނުންވާ ދަބަހާއި ފަންސުރު ފަދަ ބައެއް ސާމާނުތައް ރާއްޖޭގެ 3000 ދަރިވަރަކަށް ފޯރުކޮށްދިނުމަށް ޞަދަޤާތު ފައުންޑޭޝަނުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެ ޖަމްޢިއްޔާއިން އިންތިޒާމްކުރި ޚިތާނީ އުފާ ނިންމާލުމުގެ ގޮތުން ބޭއްވި ޚާއްޞަ ޙަފްލާގައެވެ. މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ސަދަޤާތު ފައުންޑޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝިނާން ވިދާޅުވީ އެ ފައުންޑޭޝަނުން ތަފާތު ކަންކަމަށް ހޭދަކުރައްވާ ކަމަށެވެ. އަދި އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަކީ އެ ޖަމްޢިއްޔާގެ ބާނީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް ވަރަށް އިސްކަންދެއްވާ ކަމެއްކަން ޝިނާން ފާހަގަކުރެއްވިއެވެ.

ސަދަޤާތު ފައުންޑޭޝަނަކީ މުޖުތަމަޢުގައި އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް އިސްނަންގަވައިގެން އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ.