ޚަބަރު

"ސަރުކާރުން ބިނާކޮށްދެއްވަނީ ހަރުދަނާ ދިރިއުޅުމުގެ ނިޒާމެއް"


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ދިވެހި ރައްޔިތުންނަށްޓަކައި ބިނާކޮށްދެއްވަމުން ގެންވަނީ ވަށާޖެހޭ، ހަރުދަނާ ދިރިއުޅުމުގެ ނިޒާމެއް ކަމަށް ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. 

ސަރުކާރުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ހޯއްދަވާފައިވާ ކާމިޔާބީތައް ފާހަގަކުރެއްވުމަށް ސަރުކާރުން ބޭއްވެވި ޖަލްސާގައި ނޫސްވެރިކަމުގެ ދާއިރާގައި ތަޖްރިބާކާރު ބޭފުޅެއްގެ ޙައިޞިއްޔަތުން ވާހަކަ ދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވީ ވޭތުވެދިޔަ ތިންއަހަރު ސަރުކާރުގެ އިޤްތިޞާދީ އަދި އިޖްތިމާއީ ސިޔާސަތުތައް ބައްޓަން ކުރައްވާފައިވަނީ ވަށާޖެހޭ، ހަރުދަނާ ދިރިއުޅުމުގެ ނިޒާމެއް ޤާއިމުކުރެވޭގޮތަށް ކަމަށެވެ. އެގޮތުން ސަރުކާރުގެ އިޖްތިމާއީ ސިޔާސަތުގެ ދަށުން ސިވިލް ސަރވިސް މުއައްޒަފުންނަށް ދެއްވި ލުއިފަސޭހަކަމާއި، ހިތްފަސޭހަ ދިރިއުޅުމުގެ މާހައުލެއް ބިނާކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިކްރާމް ފާހަގަކުރެއްވިއެވެ.

ދިވެހިއެއްވެސް ރައްޔިތަކު އެކަހެރިނުކޮށް، އެންމެންގެ ބައިވެރިވުން ހިމެނޭގޮތުން ދައުލަތް ހިންގެވުމަށް ސަރުކާރުން ގެންގުޅުންވާ ޞިޔާސަތު ފާހަގަކުރައްވައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމައުގައި ފަހި ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ސަރުކާރުން ގެންގުޅުންވާ ޞިޔާސަތަކީ ދިވެހި އެންމެހައި ރައްޔިތުން ބަލައިގަންނަ ޞިޔާސަތެއްކަމަށް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. ސިއްޙީ ޚިދުމަތްތައް މީގެކުރިން ދުވަހަކުވެސް ކުރި ނާރާ މިންވަރަށް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ކުރިއަރާފައިވާކަމަށާއި، މިއީ ދިވެހިރައްޔިތުންނަށް ދިމާވަމުންދާ ތަކުލީފުތައް ޙައްލުކޮށްދެއްވުމަށް ސަރުކާރުން ދެއްވާ އިސްކަން ހާމަވެގެންދާކަމެއްކަމަށް އިކްރާމް ވިދާޅުވިއެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ފާސްކުރައްވައި ޢަމަލުކުރައްވަން ފައްޓަވާފައިވާ އަބުރު ރައްކާތެރިކުރުމުގެ ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ރާއްޖޭގެ މީޑިއާތައް ހަރަކާތްތެރިވަމުން އައީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށާއި، އެޤާނޫނު ވުޖޫދަށް އައުމާއެކު މީޑީއާތަށް އިތުރަށް ޒިންމާދާރުވެ، ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް އިތުރު ބާރަކަށް އެޤާނޫނު ވެގެންގޮސްފައިވާކަމަށެވެ

ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ކާމިޔާބުކަން ފާހަގަކުރައްވައި، އިޤްތިޞާދީ ބޮޑެތި މަޝްރޫޢޫތަކަށް ނަންގަވާފައިވާ ލޯނުތައް ދެއްކެވުމުގެ ޤާބިލުކަން ސަރުކާރުގައި އެބައޮތްކަން، ޖީއެމްއާރ މައްސަލަ ޙައްލުކޮށްދެއްވައި، ސަރުކާރުން އެކުންފުންޏަށް ދައްކަވަންޖެހޭ ހުރިހާ ފައިސާއެއް ދައްކަވައި ޚަލާސްކުރެއްވި ގޮތުން ހާމަވެގެންދާކަމަށް އިކްރާމް ވިދާޅުވިއެވެ.