ޚަބަރު

ކުނި މެނޭޖްކުރަން އިންޑަސްޓްރިއަލް ވިލެޖުގައި ކަނޑައެޅި ބިން


މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ތަރައްޤީ ކުރެއްވުމަށް ހަމަޖެހިފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ހެއްދެވުމަށް ބޭނުންވާ ބިން، އެންވަޔަރަމަންޓް މިނިސްޓްރީއާއި ޙަވާލުކުރައްވައިފިއެވެ. ވޭސްޓް މެނޭޖްމަންޓް ސެންޓަރ ހެއްދެވުމަށް ބޭނުންވާ ބިން، އެންވަޔަރަމަންޓް މިނިސްޓްރީއާއި ޙަވާލުކުރައްވާފައިވަނީ އެކަމަށްޓަކައި މިއަދު އިންޑަސްޓްރިއަލް ވިލެޖުގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މާލެ ސަރަޙައްދުގެ ކުނި ރައްކާތެރިގޮތުގައި މެނޭޖްކޮށް، ނައްތާލުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކުރައްވާފައި ވަނީ ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ވެމްކޯއާއެވެ. މާލޭ ސިޓީން އުކާލެވޭ ކުނި މެނޭޖްކޮށް، އެތަކެތި ރައްކާތެރިގޮތުގައި ނައްތާލުމަށްޓަކައި ވެމްކޯއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގެ ގޭގެއިން އުކާލެވޭ ކުންޏާއި، އެހެނިހެން ގޮތްގޮތުންވެސް އުފެދޭ ކުނީގެ ތެރެއިން، ކުނިވާ ޒާތުގެ ކުންޏާއި، ކުނިނުވާ ޒާތުގެ ކުނި ވަކިކޮށް، މާލޭގެ ދެ ސަރަޙައްދަކަށް ޖަމާކުރެވި، އެތަކެތި ރައްކާތެރިގޮތުގައި ތިލަފުއްޓަށް ގެންދިޔުމުގެ މަސައްކަތް އެކުންފުނީގެ ފަރާތުން މިހާރުވެސް އަންނަނީ ކުރަމުންނެވެ. ނަމަވެސް މި މަސައްކަތް ކުރުމުގައި މިއަދާ ހަމައަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މާލޭގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރާނޭ އެކަށީގެންވާވަރުގެ ބިމެއް ނެތުމުގެ މައްސަލައެވެ.

މާލޭ ސިޓީއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލެއް ގެންނެވުމުގެ ގޮތުން ހައުސިންގ މިނިސްޓްރީން މާލޭގެ އިރުދެކުނު ފަރާތުގައި ތަރައްޤީ ކުރައްވާފައިވާ އިންޑަސްޓްރިއަލް ވިލެޖްގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް ޚާއްސަ ބިމެއް ވަނީ ކަނޑައަޅުއްވާފައެވެ. އަދި މި ބިން ތައްޔާރު ކުރެއްވުމުގެ މަސައްކަތް ނިމި، މިހާރު ވަނީ އެންވަޔަރަމަންޓް މިނިސްޓްރީއާއި ޙަވާލުކުރައްވާފައެވެ. ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިން އެންވަޔަރަމަންޓް މިނިސްޓްރީއާއި ޙަވާލުކުރައްވާފައިވަނީ އެކަމަށްޓަކާ އިންޑަސްޓްރިއަލް ވިލެޖުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން އެ ބިމާއި ޙަވާލުވެވަޑައިގެންނެވީ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ މަޝްރޫޢުގައި ހިމެނޭ އެންމެ މުހިއްމު ކޮމްޕޯނަންޓަކީ(ބަޔަކީ)، މާލޭ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ކަމަށެވެ. އަދި އިންޑަސްޓްރިއަލް ވިލެޖުން އެންމެ ބޮޑު ބިމެއްވެސް ކަނޑައަޅުއްވާފައިވަނީ މާލޭގެ ކުނީގެ މައްސަލަ ޙައްލުކުރެއްވުމަށް ކަމަށާއި، އެބިން ތައްޔާރު ކުރައްވާފައިވަނީވެސް ކުނި މެނޭޖްކުރުމުގެ މަސައްކަތް ފަސޭހައިން ކުރެވޭނެގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިންޑަސްޓްރިއަލް ވިލެޖުގައި ކުނި މެނޭޖް ކުރެއްވުމަށް ތައްޔާރު ކުރައްވާފައިވާ ބިމުގައި، އެ މަސައްކަތް ކުރެއްވުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރެއްވުމުގެ މަސައްކަތް ވެމްކޯއާއި ގުޅިގެން ވީ އެންމެ އަވަހަކަށް ފައްޓަވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ. އަދި މާލޭ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ޚިދުމަތްތައް ފެއްޓެވުމާއެކު، މާލޭ ސިޓީގެ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.  

ކުނި އުކާ ބާޖުތަކަށާއި، ދޯނިފަހަރަށް ކައިރި ކުރެވޭނޭހެން އިންޑަސްޓްރިއަލް ވިލެޖްގެ ހުޅަނގު ފަރާތުން ބޮޑު ބިމެއް ހައުސިންގ މިނިސްޓްރީން ވަނީ ތައްޔާރު ކޮށްދެއްވާފައެވެ. އެތަނުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ވެގެންދާނީ މާލޭގެ ގޭބިސީތަކުން އުކާލެވޭ އެކި ބާވަތްތަކުގެ ކުނި ވަކި ކުރެވި، ތިލަށްފުށްޓަށް ގެންދިޔުމުގެ ކުރިން ސްޓޭޝަންކުރާ ތަނެއްގެ ގޮތުގައެވެ. މި ސެންޓަރ އޮޕަރޭޓް ކުރުމަށްޓަކައި ބޭނުންވާ ވެހިކަލްތައް ހޯއްދެވުމުގެ މަސައްކަތް ވެމްކޯއިން ދަނީ ކުރައްވަމުންނެވެ. މާލޭގެ ގޭބިސީތަކުން ކުނި ޖަމާކުރުމަށް 3 ވައްތަރެއްގެ ވެހިކަލް ބޭނުންކުރުމަށް ހަމަޖެހިފައިވެއެވެ.