ޚަބަރު

7 ވަނަ ފިލްމް އެވަރޑްގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


7 ވަނަ އެންސީއޭ ފިލްމް އެވޯޑްގެ އިވެންޓް މެނޭޖް ކުރުމާއި މީޑިއާ ޕާޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ހަމަޖައްސަވައިފިއެވެ.

މިކަމާގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އިރުތިޝާމް އާދަމެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އިރުތިޝާމް ދެއްކެވި ވާހަކަފުޅުގައި، މި އިވެންޓުގެ ކަންކަން މެނޭޖް ކުރުމާއި މީޑިއާ ޕާޓްނަރ އަކަށް ޕީއެސްއެމް ހަމަޖެއްސެވީ މިފަދަ އިވެންޓެއްގެ ކަންކަން އެންމެ ފުރިހަމައަށް ކުރެވޭނެ އެއް ފަރާތަކީ ޕީއެސްއެމް ކަމަށް ވުމުން ކަމަށެވެ. އަދި މިކަމުގައި މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ދެއްކެވި ވާހަކައިގައި މި އިވެންޓުގެ ކަންކަން ވީ އެންމެ ރަނގަޅަކަށް ކުރިއަށް ގެންދިއުމަށް ޕީއެސްއެމްގެ ފަރާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިފަހަރުގެ ފިލްމް އެވޯޑް މި ބޭއްވެނީ 3 އަހަރުގެ މެދުކެނޑުމަކަށްފަހުގައެވެ.