ޚަބަރު

"ރަށްރަށުގެ ތަރައްޤީގަ ފަރުދުންގެ ބައިވެރިވުން އޮންނަންޖެހޭ"


ރަށްރަށުގެ ތަރައްޤިއާއި ކުރިއެރުމަށް ފަރުދުންގެ ބައިވެރިވުން އޮންނަންޖެހޭ ކަމަށް ފޮނަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރ އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަބްދުއްރަޙީމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ވެރިކަމަށް ތިންއަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، ޤައުމަށް އަންނަމުންދާ ތަރައްޤީގައި ރައްޔިތުންގެ ދައުރެއް އޮންނަންޖެހޭނެ ކަމަށެވެ. އަދި ޤައުމެއް ކުރިއަރާދާނީ ސަރުކާރާ ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއިން ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ. އަބްދުއްރަޙީމް ވިދާޅުވީ ދެފަރާތުން ކުރާ މަސައްކަތުން މެނުވީ، ބޭނުންވާ އަމާޒަށް ވާޞިލްވާން އުނދަގުވާނެ ކަމަށެވެ.

އަބްދުއްރަޙީމްގެ ވާހަކަފުޅުގައި ވިދާޅުވީ، ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ރާއްޖެއަށް ގެނެސްދެއްވާފައިވާ ތަރައްޤީއާ ކުރިއެރުމުގެ ސަބަބުން މިއަދު ޕީޕީއެމްގެ އާންމު މެމްބަރުން ތިބީ، ހިތްހަމަޖެހިގެން ކަމަށެވެ.

އަބްދުއްރަޙީމްގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީއާ ޙިލާފަށް އެއްވެސް ޤާނޫނެއް އަދި އެއްވެސް ޤާނޫނަކަށް އިޞްލާހެއްވެސް ނުގެންނަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވަނީ ދެއްވާފައެވެ.