ޚަބަރު

މިއީ މިދިޔަ 50 އަހަރުތެރޭގައި ނާންނަވަރުގެ ތަރައްޤީއެެއް- ޒަމީރު


ރައީސް ޔާމީންގެ ވެރިކަމުގައި، ކުރީގެ 50 އަހަރުދުވަހު ރާއްޖެއަށް ނާންނަވަރުގެ ތަރައްޤީއާއި ކުރިއެރުން ފާއިތުވި 3 އަހަރުދުވަހު ރާއްޖެއަށް އައިސްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފާއިތުވެދިޔަ 3 އަހަރުދުވަހުގެ ކާމިޔާބީ ފާހަގަކުރުމުގެގޮތުން މިރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި " ހަބޭސް 3 " ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ރައީސް ޔާމީން ވަނީ މުޅިރާއްޖެއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދެއްވާފައިކަމަށާ، ރައީސް ޔާމީން މުޅިން އަލަށް ރާއްޖޭގައި ދެއްވަން ފެއްޓެވި ޚިދުމަތްތަކަކީ ދެން ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ އެހެން ބޭފުޅަކަށްވެސް ދެއްވަން މަޖުބޫރުވެވަޑައިގަންނަވާނެ ޚިދުމަތްތަކެއްކަމަށެވެ.

"ދެން އަންނަ ސަރުކާރަކުން އަޅާކިޔަން ޖެހޭފަދަ ތަރައްޤީއެއް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ގެނެސްދެއްވާފައި" ޒަމީރު ވިދާޅުވިއެވެ.

ވޭތުވެދިޔަ 3 އަހަރުދުވަހު ސަރުކާރުން ކުރައްވާފައިވާ ކާމިޔާބު ބައެއް މަސައްކަތްތަކާއި، ކުރިއަށްދާ މަޝްރޫޢުތަކުގެ މައްޗަށް ބައްލަވާލައްވައި މިނިސްޓަރު ވިދާޅުވީ، ހުޅުމާލެ ޔޫތްސިޓީއަކީ ފަޚުރުކަމާއެކު އަޅުގަނޑުމެންގެ ޒުވާނުން ބަލައިގަންނަ މަޝްރޫޢެއްކަމަށާ، ޔޫތް ސިޓީގެ މަސައްކަތްދަނީ ބާރަށް ކުރިއަށްކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް މިސަރުކާރުން ޤާނޫނީ އޮނިގަނޑަށް ގެނެސްދެއްވި ބޮޑެތި ބަދަލުތަކާއެކު، ރާއްޖެއަށް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އެތައްގުނައެއް އިތުރަށް ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޓޫރިޒަމް ހަރުދަނާކުރުމަށް އަމާޒުކޮށްފައިވާ 50 ރިސޯޓުގެ ތެރެއިން 22 ރިސޯޓު މިއަހަރު ހުޅުވަން ތައްޔާރުވެފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.