ތިމާވެށި

"ރަށްގިރުމުގެ މައްސަލަތަކަށް އަވަސް ހައްލެއް ލިބުނީ މިސަރުކާރުން"


ރާއްޖޭގެ ރަށްގިރުމުގެ މައްސަލަތަކަށް އެންމެ އަވަސް ޙައްލެއް މިހާތަނަށް ހޯއްދަވައިދެއްވާފައިވަނީ މި ސަރުކާރުން ކަމަށާއި، ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ބޭރު ދުނިޔެއިން ބަލައިގަނެފައިވާކަމަށް އެންވަޔަރމަންޓް މިނިސްޓްރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

މިނިސްޓްރީ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީގެ ފަރާތުން، ތިމާވެށީގެ ދާއިރާއިން ހޯއްދަވާފައިވާ ކާމިޔާބިތަކާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވުމަށް ވިލިމާލެ ހުޅަނގުފަރާތު ބޮޑުހިލަ ޖަހާ ސަރަޙައްދުގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އެންވަޔަރމަންޓް މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ތިމަވެށި ޙިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް ދުނިޔޭގެ ކަންކޮޅުތަކުން ބަލައިގެންފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ތިމާވެއްޓަކީ ރާއްޖޭގެ އިޤްތިޞާދާ ގުޅިފައިވާ ކަމެއްކަމުން، ތިމާވެއްޓަށް ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން އެންވަޔަރމަންޓް މިނިސްޓްރީގެ ތެރެއިން މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަމާއި އަދި ކުރައްވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ރަށްގިރުމުގެ މައްސަލަތައް ޙައްލުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް މިދިޔަ ތިންއަހަރު ދުވަހުގެ ތެރޭގައި އެ މިނިސްޓްރީން ކުރައްވާފައިވާ ކަމަށެވެ.

ރާއްޖެއަކީ ފަތުރުވެރިކަން ފުޅާދާއިރާއެއްގައި އޮތް ޤައުމަކަށްވެފައި، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގެ ދަށުން، ރާއްޖޭގެ އެކި ސަރަޙައްދުތައް ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ބައްލަވާ ދިރާސާކުރައްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އެކި ބާވަތުގެ މަޑި، މިޔަރު، ފެހުރެހި، ކޯމަސް، އަދި މާހުޅުނބު ލަނޑަޔާއި ވެލާ ކަހަނބު ޙިމާޔަތްކުރެއްވުމުގެ މަސައްކަތް ހަރުދަނާކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންވަޔަރމަންޓް މިނިސްޓަރ މިއަދު ވިލިނގިއްޔަށް ކުރެއްވި ޒިޔާރަތުގައި ވަނީ ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތްކުރައްވައި އެތާނގެ ޙާލަތު ބައްލަވަލައްވައި އެ މަނިކުފާނުގެ މިނިސްޓްރީގެ ފަރާތުން ބައެއް ތަކެތި ހަދިޔާކުރައްވާފައެވެ.