ޚަބަރު

ޒަޚަމްވި ސިފައިންގެ މީހާ ފަރުވާއަށް ލަންކާއަށް ފޮނުވަނީ


މއ.ކަފިދޫ ގޭގައި ހުރި ގުދަނެއްގައި މިއަދު ރޯވި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަނިކޮށް ޒަޚަމްވި އެމްއެންޑީއެފްގެ ސާޖަންޓް އަޙްމަދު ސަމްޝާދަށް އިތުރު ޞިއްޙީ ފަރުވާ ދިނުމަށްޓަކައި މިރޭ ސްރީލަންކާއަށް ފުރުވާލާގޮތަށް ހަމަޖެހިއްޖެއެވެ.

މިއަދު ހިނގި އަލިފާނުގެ ހާދިސާގައި، ސާޖަންޓް އަޙްމަދު ސަމްޝާދުގެ މޫނުގެ ކަނާތްފަރާތަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މިއަދު އަލިފާން ނިއްވުމުގެ ތެރޭގައި މި ހާދިސާ މެދުވެރިވާން ދިމާވީ އިމާރާތުގެ މަތިން ބިއްލޫރިގަނޑެއް ވެއްޓި އޭނާގެ މޫނުގައި ޖެހުމުގެ ސަބަބުންނެވެ. މިހާރު އައިޖީއެމް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާކުރަމުން އަންނަ ސާޖަންޓް އަޙްމަދު ސަމްޝާދަށް އިތުރު ޞިއްޙީ ފަރުވާ ދިނުމަށްޓަކައި ސްރީލަންކާއަށް ފުރުވާލުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސާޖަންޓް އަޙްމަދު ސަމްޝާދުގެ ޙާލު ވަރަށް ގާތުން ބައްލަވަމުންދާކަމަށް އެމްއެންޑީއެފުން ފާހަގަކުރައްވައެވެ. އަދި، ޑިފެންސް މިނިސްޓަރ، އާދަމް ޝަރީފު ޢުމަރާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވަނީ މިއަދު އައިޖީއެމްއެޗަށް ޒިޔާރަތްކުރައްވައި، ސާޖަންޓް އަޙްމަދު ސަމްޝާދުގެ ޙާލު ބައްލަވާލައްވާފައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

މިއަދު ހިނގި އަލިފާނުގެ ހާދިސާގައި، ސާޖަންޓް އަޙްމަދު ސަމްޝާދުގެ އިތުރުން އެހެން މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.