ޚަބަރު

10 ޑޮކްޓަރަކަށާއި 10 ނަރުހަކަށް ސަރުކާރުން ފްލެޓް ދެއްވައިފި


އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ 10 ޑޮކްޓަރަކަށާއި 10 ނަރުހަކަށް ސަރުކާރުން ފްލެޓް ދެއްވައިފިއެވެ.

އެފަރާތްތަކަށް ފެލްޓް ޙަވާލުކޮށްދެއްވީ އައިޖީއެމްއެޗުގައި ބޭއްވެވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުއިއްޒުއެވެ.

އައިޖީއެމްއެޗުގައި އަލަށް ޤާއިމްކުރެވުނު ބައެއް ޚިދުމަތްތަކާއި، އަދި ކުރިން ދެމުން ގެންދިޔަ ބައެއް ޚިދުމަތްތައް ފުޅާކުރައްވާ އަލުން ވަނީ 5 ތަނެއް ހުޅުއްވާފައެވެ. މިތަންތަން ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން އަބްދުލް ޤައްޔޫމެވެ. މިތަންތަން ހުޅުވާފައިވަނީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޭނުންކުރާ ޒަމާނީ ފެންވަރުގެ މެޝިނަރީޒްތަކާއި ޢާލާތްތަކާ އެކުގައެވެ.

އައިޖީއެމްއެޗުގެ އޯކިޑު މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ 10 ޑޮކްޓަރުންނާއި، 10 ނަރުހަކަށް ސަރުކާރުން ވަނީ ފްލެޓް ޙަވާލުކުރައްވާފައެވެ. މީގެތެރޭގައި ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ސީނީއަރ ޑޮކްޓަރުންނާއި ނަރުހުން ހިމެނެއެވެ. ޚިދުމަތުގެ ތިއްބަވާ ޑޮކްޓަރުންނާއި ނަރުހުންނަށް ފްލެޓް ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން ޢިއުލާން ކުރައްވާފައިވަނީ އައިޖީއެމްއެޗުގެ ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގައި ބިންގާ އެޅުއްވުމަށް ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، ފްލެޓް ލިބުނު މުވައްޒަފުން ކަނޑައަޅާފައިވަނީ އައިޖީއެމްއެޗުގައި އޮންނަ ޢާންމު އުސޫލުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެންމެ މަތިން މާރކްސް ލިބުނު ފަރާތްތަކަށް ކަމަށެވެ. އައިޖީއެމްއެޗަށް އައު ޚިދުމަތްތަކެއް ތައާރަފު ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލްގައި 20 އަހަރުވަންދެން ބޭނުންކުރަމުންއައި ލޯގޯ ބަދަލުކޮށް އައު ލޯގޯއެއް ވަނީ ތަޢާރަފު ކުރައްވާފައެވެ. ހޮސްޕިޓަލްގެ ލޯގޯ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން އަބްދުލް ޤައްޔޫމެވެ.

އައިޖީއެމްޗްގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އައިޖީއެމްއެޗް ގަވަރނިންގ ބޯޑުގެ ވައިސް ޗެއާރޕާސަން ޑރ.އަބްދުލް އަޒީޒް ޔޫސުފް ދެއްކެވި ވާހަކަފުޅުގައި، އައިޖީއެމްއެޗުން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދެއްވުމަކީ އެ ހޮސްޕިޓަލްގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. އަދި މި ތަޢާރަފު ކުރެވުނު ޚިދުމަތްތަކާއެކު ހޮސްޕިޓަލުން ޚިދުމަތް ލިބިގަންނަ އާޢްމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޒަކާތުގެ ފަންޑުގެ ހިލޭ އެހީގެ ދަށުން، ވަނީ އައިޖީއެމްއެޗަށް މެޑިކަލް އިކުއިޕްމަންޓް ޙަވާލުކުރައްވާފައެވެ. މިތަކެތި އައިޖީއެމްއެޗާ ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަޙުމަދު ޒިޔާދުއެވެ. އައިޖީއެމްއެޗަށް ޙަވާލުކުރެއްވި ބައެއް މެޑިކަލް އިކުއިޕްމަންޓުތަކުގެ ތެރޭގައި އިކޯ ކާޑިއަކް މެޝިންފަދަ ޢާލާތްތައް ހިމެނެއެވެ.