ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ކިއުބާގެ ރައީސަށް ތަޢުޒިޔާ ވިދާޅުވެއްޖެ


ކިއުބާގެ ކުރީގެ ރައީސް ފިޑެލް އަލެހަންދްރޯ ކާސްޓްރޯ ރުޒް އަވަހާރަވުމާ ގުޅިގެން، ކިއުބާގެ މިހާރުގެ ރައީސް ރައުލް މޮޑެސްޓޯ ކާސްޓްރޯ ރުޒަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކިއުބާގެ ކުރީގެ ރައީސް އަދި ރައީސް ރައުލް މޮޑެސްޓޯ ކާސްޓްރޯ ރުޒްގެ ބޭބޭފުޅު އަވަހާރަވީ ޚަބަރު އެއްސެވީ ފުން ހިތާމައަކާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ކިއުބާގެ ކުރީގެ ރައީސް ފިޑެލް އަލެހަންދްރޯ ކާސްޓްރޯ ރުޒަކީ ޒަމާނީ ކިއުބާގެ ބާނީ ކަމަށާއި، ކިއުބާގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި މަސައްކަތް ކޮށްދެއްވި ވެރިއެއްގެ ގޮތުގައި ސިފަ ކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ‏ދިވެހި ‏‏ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ކިއުބާގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.