ޚަބަރު

ދައުލަތަށް ލިބެންޖެހޭ ފައިސާއިން 15 މިލިއަން ރުފިޔާ ހޯދިއްޖެ


އޮޑިޓްރިޕޯޓްތަކާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން ކޮމިޝަންގެ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ދަޢުލަތަށް މިހާތަނަށް ހޯދާފައިވާ ކަމަށް ބަންޑާރަނާއިބު މުޙައްމަދު ޢަނިލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ 3 އަހަރު ދުވަހުގެތެރޭގައި ޙާސިލްކޮށްފައިވާ ކާމިޔާބީތަކުގެ މަޢޫލޫމާތު ހިއްސާކުރައްވަމުން ބަންޑާރަ ނާއިބު ވިދާޅުވީ، އޮޑިޓަރް ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓްތަކާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުއްވާފައިވާ ތަޙްޤީޤް ރިޕޯޓްތަކުން ފާހަގަކޮށްފައިވާ ފައިސާއާއިގުޅޭ މަދަނީ ގިނަ މައްސަލަތަކެއް މިހާތަނަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން އެ މައްސަލަތަކުން 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ދަޢުލަތަށް އަނބުރާ ހޯދާފައިވާއިރު، ކުރިއަށް އޮތް ދޮޅުމަސް ދުވަހުގެތެރޭގައި އިތުރު މައްސަލަތައް ތަޙްޤީގަށް ހުށައެޅޭނެ ކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ. އޭގެ ތެރޭގައި މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ބޮޑު އެއް ޚިޔާނާތުގެ މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ މައްސަލަތައް ދަޢުވާކޮށް ފައިސާ ހޯދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން އަނިލް ފާހަގަކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ކާމިޔާބީތައް ހިއްސާކުރައްވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ވޭތުވެދިޔަ 3 އަހަރު ތެރޭގައި އެތައް ބިލިއަން ރުފިޔާއެއް ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުން ހުރި ކަންކަމަށް ހޭދަކުރައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބައިނަލްއަޤްވާމީ އެއަރޕޯޓާއި، ޑޮމެސްޓިކް އެއަރޕޯޓްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޒަމީރު ވިދާޅުވީ، 3 އަހަރުތެރޭގައި 22 ރިސޯޓް އަލަށް ހުޅުވާފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެތެރޭގައި ތިރީހާއި ސާޅީހާ ދެމެދުގެ ޢަދަދަކަށް ރިސޯޓް ތަރައްޤީކޮށް ހުޅުވޭނެ ކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރެވޭ ބިޔަ މަޝްރޫޢުތަކުން އިޤްތިޞާދަށް އިންޤިލާބެއް އަންނަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖެ މިހާތަނަށް ނުދެކޭ ފަދަ އިޤްތިޞާދަކަށް ރާއްޖެ ބަދަލުކޮށްލާނެ ގޮތަށް މަޝްރޫޢުތައް ބައްޓަން ކުރައްވާފައިވާ ކަމަށްވެސް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.