ޚަބަރު

ހުޅުދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި


އައްޑޫ ސިޓީ ހުޅުދޫ ގޮނޑުދޮށް ޙިމާޔަތް ކުރެއްވުމަށް ކޮންޓްރެކްޓަރާއި މިއަދު ޙަވާލުކުރައްވައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުދޫ ގިރާ ސަރަޙައްދުގައި އެއްހާސް މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓެއްލުމަށް ވަނީ ހަމަޖެހިފައެވެ. ރަށްގިރުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވަމުންދާ މައްސަލައެކެވެ. އެގޮތުން އައްޑު ސިޓީ ހުޅުދޫއަކީވެސް ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެކެވެ. މިރަށުގެ ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ހޯދަވައިދެއްވުމުގެ ގޮތުން ސަރުކާރުން ވަނީ އެރަށުގައި އެއްހާސް މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓެއް ލުމަށްޓަކައި ކޮންޓްރެކްޓް އުސޫލުން ބަޔަކާއި ޙަވާލުކުރައްވާފައެވެ. މި މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކޮށްފައިވަނީ އާރ.އާރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ޕްރޮޖެކްޓަށް ގާތްގަޑަކަށް 22.6 މިލިއަން ރުފިޔާ ޙަރަދުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ މި ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށް މިހާތަނަށް ނުކުރެވޭ ބޮޑެތި މަސައްކަތްތަކެއް މި ސަރުކާރުން ކުރައްވާފައިވާ ކަމަށެވެ. img:http://s3.psmnews.mv/images/660x400/14802382269522.jpg|ހުޅުދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ހުޅުދޫގެ ރަށްގިރުމުގެ މައްސަލަ ޙައްލުކުރެއްވުމަށް މި ވެވުނު އެއްބަސްވުމުގެ ދަށުން އެރަށު ދެކުނުފަރާތުގައި 2008 ގައި ޖަހާފައިވާ 450 މީޓަރުގެ ތޮއްޓާއި ގުޅޭ ގޮތަށް އުތުރަށް 1 ކިލޯމީޓަރަށް ތޮއްޓެއް ހެދިގެންދާނެއެވެ. އަދި މި މަސައްކަތުގެ ތެރެއިން ކުރީގައި ޖަހާފައިވާ ތޮށި މަރާމާތުކުރުން ހިމެނޭކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ހުޅުދޫ ރަށްގިރުމުން ޙިމާޔަތް ކުރުމުގެ އެއްބަސްވުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރ މުހައްމަދު ޝާހިދު ވިދާޅުވީ ހުޅުދޫއަށް ކުރިއެރުން ގެނެސްދެއްވުމަށްޓަކައި މި ސަރުކާރުން ޙާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ. ހުޅުދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރެއްވުމުގެ އެއްބަސްވުމަކީ ސަރުކާރުގެ ޙަރަދުގައި މިއަހަރުގެ ތެރޭގައި ފަށައިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ 6 ވަނަ މަޝްރޫޢެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮޕް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމެވެ. އަދި އާރ.އާރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ރަންޖިތް ސެންދެރާއެވެ.