ޚަބަރު

މަތީ ތަޢުލީމުގެ ފެންވަރު ހިފެހެއްޓުމަށް މަސައްކަތު ބައްދަލުވުމެއް


ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ފެންވަރު ހިފެހެއްޓުމަށް ކަނޑައެޅިފައިވާ ޤަވައިދުތަކާއި އުޞޫލުތަކަށް އަހުލުވެރި ކުރުވުމުގެ މަސައްކަތު ބައްދަލުވުމެއް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފަށްޓަވައިފިއެވެ. މި މަސައްކަތު ބައްދަލުވުމަކީ އަންނަ އަހަރު އެމް.ކިއު.އޭ.އިން ފެށުމަށް ހަމަޖެހިފައިވާ އެކްރެޑިޓޭޝަން އަދި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތަށް ކަމާބެހޭ ފަރާތްތައް އަހުލުވެރި ކުރުވުމަށް ކުރިޔަށްގެންދާ ބައްދަލުވުމެކެވެ. 

img:http://s1.psmnews.mv/images/660x400/14802354430428.jpg|ްއެމް.ކިއު.އޭ.އިން ކުރިޔަހގެންދާ މަސައްކަތު ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ވަރލްޑް ބޭންކުން ދެއްވާ ހިލޭ އެހީގެ ދަށުން މަތީ ތައުލީމާއި، ތަމްރީނު ދޭ މަރުކަޒުތަކަށް އަމާޒުކުރައްވައިގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެއްޓެވި މި ބައްދަލުވުމަކީ، ދިވެހި ރާއްޖޭގައި ދެވޭ މަތީ ތަޢުލީމުގެ ފެންވަރު ހިފެހެއްޓެވުމުގެ ނިޒާމް ޤާއިމްކުރައްވާ، އެ ނިޒާމް ހަރުދަނާކޮށް ދެމެހެއްޓެވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކަށް އަހުލުވެރިކުރުމުގެ ގޮތުންނާއި، ވަރލްޑް ބޭންކް ކޮންސަލްޓަންޓެއްގެ އެހީގެ ދަށުން އެކުލަވާލާފައިވާ ގައިޑްލައިންތައް ތަންފީޒު ކުރެއްވުމަށްޓަކައި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް އަހުލުވެރިކުރުމުގެ ގޮތުން ކުރިޔަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ.

މި ބައްދަލުވުން ކުރިޔަށްދަނީ 28 މަރުކަޒަކުން 55 ބައިވެރިން ހިމެނޭގޮތަށެވެ. މަސައްކަތު ބައްދަލުވުން ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ މުޙައްމަދު ވަޙީދު ޙުސައިން ވިދާޅުވީ މި ބައްދަލުވުމަކީ އެމް.ކިއު.އޭ އިން 2017 ވަނަ އަހަރު އަލަށް ފެށުމަށް ނިންމަވާފައިވާ ޕްރޮގްރާމް، އެކްރެޑިޓޭޝަން އަދި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތަކަށް ކަމާބެހޭ ފަރާތްތައް އަހުލުވެރިކުރުމުގެ ގޮތުން ކުރިޔަށްގެންދާ ބައްދަލުވުމެއް ކަމަށެވެ.

img:http://s4.psmnews.mv/images/660x400/14802355016926.jpg|މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ މުޙައްމަދު ވަޙީދު ޙުސައިން - ފޮޓޯ: ޕީއެސްއެމް

ޕްރޮގްރާމް އެކްރެޑިޓޭޝަނާއި، އިންސްޓިއުޝަނަލް އޮޑިޓަކީ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުގެ ފެންވަރާއި، އެ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަސައްކަތްތަކެވެ. އަދި މިއީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނު ދެއްވާ މަރުކަޒުތައް އިތުރަށް ތަރައްޤީކޮށް ފެންވަރު ރަނގަޅު ކޯސްތަކެއް ހިންގުމަށް ލިބޭ ފުރުސަތަކަށް ވެގެންދާނެކަމަށް އެމް.ކިއު.އޭ އިން ވިދާޅުވެއެވެ. މި ބައްދަލުވުމައި މަޢުލޫމާތު ދެއްވަނީ ވޯލްޑް ބޭންކުން ރައްޖެއަށް ކަނޑައަޅާފައި ހުންނަވާ ކޮންސަލްޓެންޓް ޑރ. އަޙުމަދު އަލީ މަނިކުއެވެ.