ޚަބަރު

ވާދޫގައި ދާރުލްއާޘާރެއް ތަރައްޤީކުރުމަށް އެރަށު ކައުންސިލުން


ރ.ވާދޫގައި ދާރުލްއާޘާރެއް ތަރައްޤީކުރެއްވުމަށް އެރަށު ކައުންސިލުން ނިންމަވައިފިއެވެ.

ރާއްޖޭގެ ޘަޤާފަތާއި އިހުޒަމާނުގައި ރާއްޖޭގައި ބޭނުންކޮށްފައިވާ ތަކެތި މި ދާރުލްއާޘާރުގައި ބަހައްޓާނެކަމަށް ވާދޫ ކައުންސިލުން ވިދާޅުވެއެވެ. ވާދޫގައި މީހުން ދިރިއުޅޭތާ އެތައް ސަތޭކަ އަހަރެއް ވެފައިވާއިރު، ގެދޮރު އިމާރާތްކުރުމަށް ބިން ކޮނުމުގެ ތެރޭގައި، އިހު ޒަމާނުގައި މީހުން ގޭތެރޭގައި ގެންގުނު ތަކެއްޗާއި، އަދި އެހެނިހެން އާސާރީތަކެތި އެރަށުން ޢާއްމުކޮށް ފެނެއެވެ. އެރަށުގައި ދާރުލްއާޘާރެއް ތަރައްޤީ ކުރެއްވުމަށް ހަމަޖެހިފައިވަނީ ކުރިން އެރަށުގެ ކާޑުގެ އަދި އޭގެ ފަހުން ވާދޫ ރަށު އޮފީސް ހިންގަމުންއައި ޢިމާރާތުގައެވެ. މި ދާރުލްއާޘާރު ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ނިންމަވާ ހުޅުއްވާނެ ކަމަށް ވާދޫ ކައުންސިލުން ވިދާޅުވެއެވެ.

ދާރުލް އާސާރުގައި ދައްކާލުމަށް ބަހައްޓާ ތަކެތި އެއްކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި، އެގޮތުން މިހާރުވެސް ގިނަ ޢަދަދަކަށް އިހުގެ ތަކެތި އެއްކުރެވިފައިވާ ކަމަށް ވާދޫ ކައުންސިލްގެ ރައީސް ޙުސައިން ޢަލީ ވިދާޅުވިއެވެ. ރ.ވާދޫގައި ޓޫރިޒަމް ޒޯނެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާއިރު، އެ ރަށަށް ފަތުރުވެރިކަން ތަޢާރަފްވެގެން ދިޔުމުން، މި ދާރުލްއާޘާރަށް ވަނުމަށް ނަންގަވާ ފީއިން، ރަށު ކައުންސިލަށް ރަނގަޅު އާމްދަނީއެއް ލިބޭނެކަން ޙުސައިން ޢަލީ ފާހަގަކުރެއްވިއެވެ.

މިތަން ތަރައްޤީ ކުރެއްވުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށާއި، ފައިސާ ހޯއްދަވާފައިވަނީ ހިލޭ އެހީދޭ ފަރާތްތަކުން ކަމަށް ވާދޫ ކައުންސިލުން ހާމަކުރައްވައެވެ.