ޚަބަރު

ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމު ދެ ފަރާތަކަށް ދީފި


ހދ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ދެމުން އަންނަ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމަކީ ހދ.އަތޮޅަށް ފާހަގަކުރެވޭފަދަ އަގުހުރި ޚިދުމަތެއް ކޮށްދީފައިވާ އަދި ކޮށްދެމުންދާ އާންމު ފަރާތްތަކަށާއި، ކްލަބް ޖަމްޢިއްޔާ ތަކަށާއި، ޤައުމާ މުޖްތަމައަށް އަގުހުރި ޚިދުމަތެއް ކޮށްދެމުންގެންދާ އެ އަތޮޅަށް ނިސްބަތްވާ ކްލަބް ޖަމްޢިއްޔާ ތަކަށާއި އާންމު ފަރުދުންގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާ އެވޯޑެކެވެ. ތިލަ ދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެއްވުމަށް ބޭއްވި ހަފްލާގައި އެއަތޮޅުން އެކި ގޮތްގޮތުން ފާހަގަކުރެވޭ ފަރާތްތަކަށް ވަނީ އެވޯޑް ދެއްވާފައެވެ.

މިހަފްލާގައި ދޭ އެންމެ ޝަރަފްވެރި އިނާމް ކަމަށްވާ ތިލަ ދެކުނު ޝަރަފްވެރިކަމުގެ އިނާމް މިފަހަރު 2 ފަރާތަކުން ވަނީ ހާޞިލްކޮށްފައެވެ. އައު އުފެއްދުންތައް އުފެއްދުމުގެ ދާއިރާއިން، މި އިނާމް ހާޞިލްކޮށްފައިވަނީ ކުޅުދުއްފުށީ ފެހިގޭ ޙުސައިން މުޙައްމަދު، އަދި މަސްވެރިކަމުގެ ދާއިރާއިން ކުޅުދުއްފުށީ ފަންނު މުޙައްމަދު ޢަލީއެވެ.

ތިލަދެކުނު ހިތްވަރު ދިނުމުގެ އިނާމު 3 ފަރާތަކުން ވަނީ ޙާޞިލްކޮށްފައެވެ. ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއިން ކުޅުދުއްފުށީ އެލްޕާސް ރާޝިދާ މޫސާ ވަނީ މި އިނާމް ހާޞިލް ކޮށްފައިވާއިރު، ޙަކީމީ ބޭސްވެރިކަމުގެ ދާއިރާއިން މި އިނާމް ހާޞިލްކުރީ މަކުނުދޫ ނުޖޫމްގޭ އަޙުމަދު ވާފިރެވެ. މީގެ އިތުރުން ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން ކުޅުދުއްފުށީ އޮންލައިނަށްވެސް ވަނީ ތިލަދެކުނު ހިތްވަރު ދިނުމުގެ އިނާމް ލިބިފައެވެ. އަދި އެ އަތޮޅުގެ ކައުންސިލްތަކުގެ ތެރެއިން އެންމެ ހިންގުންތެރި ކައުންސިލްވެސް ވަނީ ފާހަގަކޮށް އިނާމްދީފައެވެ. އެންމެ ހިންގުންތެރި ކައުންސިލްގެ އިނާމް މިއަހަރު ޙާޞިލްކޮށްފައިވަނީ ހދ.ވައިކަރަދޫ އަދި ނޭކުރެންދޫ ކައުންސިލުންނެވެ.

މީގެ އިތުރުން ތަޢުލީމީ ގޮތުން އަތޮޅަށް ރީތި ނަން ހޯދައިދިން ދަރިވަރުންނަށާއި، މިދިޔަ އަހަރު ބޭއްވި އިމްތިޙާންތަކުން ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނުނު އެ އަތޮޅުގެ ދަރިވަރުންނަށާއި އެ އަތޮޅުގެ ރަށްރަށުގެ ސްކޫލްތަކުން ކޮންމެ ސްކޫލަކުން އެންމެ މޮޅު ދަރިވަރަށްވެސް ވަނީ އިމާން ދީފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު ވިދާޅުވީ، އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އަތޮޅުގެ ރައްޔިތުންގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ކުރައްވާ މިފަދަ ކަންކަމަކީ އަތޮޅުގެ ކަންކަން ތަރައްޤީކޮށް ކުރިއެރުމަށް ކުރެވޭ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. އަދި މިކަން އިތުރަށް ފުޅާކޮށްފިނަމަ މީގެ ސަބަބުން އަތޮޅަށް ކުރާ ފައިދާ މާ ބޮޑުވާނެކަން ޑިފެންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެލްޖީއޭއިން ރަނގަޅު އުސޫލްތަކެއް ކަނޑައަޅުއްވައިގެން މިހާރަށްވުރެ ރަނގަޅަށް މިކަން ކުރަމުންދާކަމުގައިވާނަމަ އަޅުގަނޑު ދެކޭގޮތުގައި މިއަށްވުރެވެސް ބޮޑަށް މިކަމުގެ ސަބަބުން މުޅި އަތޮޅަށް ކުރާ މަންފާ މާ ބޮޑުވާނެކަމަށް އަޅުގަނޑަށް ޤަބޫލްކުރެވޭ. އަދި އަތޮޅެއްގެ ފެންވަރުން މިހާރު ކުރެވެމުންދާ މަސައްކަތްތައް އެއީ އަތޮޅުގައި މި ބާއްވާ ރަސްމިއްޔާތުތަކުގެ ސަބަބުން އެއަތޮޅަށް ކުރިއަށް އޮތްތާންގައި ދަޢުލަތުން ދެއްވާ ނުވަތަ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޤައުމީ އިނާމް ހާޞިލްކުރުމަށް މަގުފަހިވެގެންދާނެ ގޮތަކަށް މި އިނާމް ދިނުމުގެ ޙަފްލާތައް ފަރުމާ ކުރެއްވިކަމުގައިވާނަމަ އަޅުގަނޑު ދަންނަވާނީ އިރާދަ ކުރެއްވިއްޔާ ކުރިއަށްއޮތްތާންގައި އެފަރާތްތައް ވެގެންދާނީ ރަށްރަށުގައި ނުވަތަ އަތޮޅުގައި ބޭއްވޭ ޙަރަކާތްތަކުގެ ސަބަބުން ޤައުމީ ފެންވަރުގައި އެ އިނާމް ނުވަތަ ޤައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމް ލިބުމަށް މަގުފަހިވެގެންދާނެ ކަމަކަށް." މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

މިފަދަ ހަފްލާއެއް ބޭއްވުމުގެ ބޭނުމަކީ ޤައުމީ ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ޝަރަފްވެރިންނާއި ޚިދުމަތްތެރިންގެ އަގުވަޒަންކޮށް ހިތްވަރު ދިނުމާއި، ތަޢުލީމީ ގޮތުން ޤާބިލް ޖީލެއް އުފެއްދުމާއި ދަރިވަރުން ހޯދާ ޝަރަފްވެރި ވަނަތައް ފާހަގަކޮށް އެފަދަ ކުދިންގެ މެދުގައި ވާދަވެރި ރޫޙެއް އުފެއްދުން ކަމަށް ހދ އަތޮޅު ކައުންސިލުން ވިދާޅުވެއެވެ. މިއީ މި އިނާމް ދިން ދެ ވަނަ ފަހަރެވެ.