ޚަބަރު

ޙައްޖު ކޯޕަރޭޝަނުން 111 މިލިއަން ރުފިޔާ އިންވެސްޓުކޮށްފައިވޭ


މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޖަމާކުރާ ފައިސާ އިސްލާމީ ހަމަތަކުގެ މަތީން އިންވެސްޓްކުރައްވައި، ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި 111 މިލިއަން ރުފިޔާ އިންވެސްޓުކޮށްފައިވާ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް އުފައްދަވާފައިވަނީ، ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވެފައި، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ޙައްޖަށް ދިޔުމުގެ ގަސްތުގައި ފައިސާ ޖަމާކުރާ ފަރާތްތަކުގެ ފައިސާ، ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެ ފައިސާއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ މަގު ތަނަވަސްކޮށްދެއްވުމުގެ މަޤްސަދުގައެވެ. އަދި މިއީ ދައުލަތަށް ފައިދާ ހޯއްދެވުމަށްވުރެ ބޮޑަށް ޚިދްމަތެއް ފޯރުއްވައިދެއްވުމަށް އުފައްދަވާ އަދި ދަރަންޏަށް ޒިންމާވާންޖެހޭ ކުންފުންޏެކެވެ.

ޙައްޖު ކޯޕަރޭޝަން ވުޖޫދަށް އައުމާއެކު، ޙައްޖާއި ޢުމްރާއަށްދާ ދިވެހި ރައްޔިތުންނަށް މިވޭދުވެދިޔަ ތަނުގައި ދިމާވި އެތައް ތަކްލީފަށް މިއަދު ވަނީ ޙައްލު ލިބިގެން ގޮސްފައެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ޙައްޖާއި ޢުމްރާއަށް ދާ ފަރާތްތަކުގެ ފައިސާއަށް އަމާނާތްތެރިކަމާއި ރައްކާތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ހޯއްދަވައިދެއްވުމެވެ.

ޒުވާން ޢުމުރުގައި ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ހިތްވަރު ދިނުމުގެ މަޤްސަދުގައި ވަޒީފާގައި އުޅޭ ފަރާތްތަކަށް އަމާޒު ކުރައްވައިގެން މުވައްޒަފުންގެ ސްކީމް ވަނީ އިފްތިތާޙު ކުރައްވާފައެވެ. މި ސްކީމްގައި މިހާތަނަށް ސަރުކާރުގެ 38 އިދާރާއަކުން މުވައްޒަފުން ބައިވެރިކޮށްފައިވެއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުް އެންމެ އިސްކަމެއް ދެއްވަނީ މެންބަރުން ކޯޕަރޭޝަންގައި ޖަމާކުރާ ފައިސާ އިސްލާމީ ހަމަތަކުގެ މަތީން އިންވެސްޓުކުރައްވައި ނަފާ ހޯއްދެވުމަށެވެ. އިންވެސްްޓްމަންޓްތަކުން ލިބޭ ފައިދާގެ 95 އިންސައްތަ ބަހަނީ ޙައްޖު ކޯޕަރޭޝަންގެ މެންބަރުންގެ މެދުގައެވެ. ފާއިތުވެދިޔަ 3 އަަހަރުގެ ދުވަހުގެ ތެރޭގައި ތަފާތު އެކި އިންވެސްޓްމަންޓުތަކުގައި ޖުމްލަ 111 މިލިއަން ރުފިޔާ އިންވެސްޓުކުރައްވާފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ. މި އިންވެސްޓުތަކާއކު ޙައްޖު ކޯޕަރޭޝަން މިހާރު ވެފައިވަނީ އިސްލާމިކް ފައިނޭންސް ދިވެހިރާއްޖޭގައި ހަރުދަނާކޮށް ފުޅާކުރުމަށް މުހިންމު ދައުރެއް އަދާ ކުރާ ކުންފުންޏަކަށެވެ.

ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ ފެންވަރު އިތުރަށް ތަރައްޤީ ކުރުރުމަށް އެކޯޕަރޭޝަނުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މައްކާ މަދީނާއިން ފެންވަރު ރަނގަޅު ހޮޓާތައް ދިގު މުއްދަތަށް ކުއްޔަށް ހިފުމާއި، މަޝާއިރުތަކުގައި ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ސަޢުދީގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް އިތުރަށް ހަރުދަނާ ކުރެއްވުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ގެންދަވަނީ ކުރައްވަމުންނެވެ. ހަމައެއާއެކު ޙައްޖާ ޢުމްރާގެ ޚިދުމަތް ފޯރުކޮށްދޭ މި ސަރަޙައްދުގެ ޤައުމުތަކާއި ގުޅުން ބަދަހިކޮށް، ގުޅިގެން ކުރެވޭނެ މަސައްކަތްތަކަށް އަމާޒުކުރައްވައި، ދިގު މުއްދަތުގެ ޕްލޭންތަކެއް ވަނީ ކަނޑައަޅުއްވާފައެވެ. މި ކަންކަމުގެ ނަތީޖާއަަކަށް ވެގެންދާނީ ކުރިން ދިވެހި ޙައްޖުވެރިން އުފުލަމުން ދިޔަ އެތައް ބުރަތަކަށް ލުއިކަމެއް ލިބި ހިތްހަމަޖެހުމުގައި އަޅުކަން ފުރިހަމަ ކުރުމަށް މަގުފަހިވެގެން ދިއުންކަން އެ ކޯޕަރޭޝަނުން ފާހަގަކުރައްވައެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގައި ފަސްހާހަށްވުރެ ގިނަ މެންބަރުން ރަޖިސްޓްރީކޮށްފައިވެއެވެ.