ވިޔަފާރި

ސިލްކް ރޫޓުން އައު މަޝްރޫޢުތަކެއް ރާއްޖެ އަންނާނެ


މީގެ އެތައް އަހަރުތަކެއް ކުރިން ސިލްކް ރޯޑަކީ އިރުމަތީ ބިތުގެ ޤައުމުތަކާއި ހުޅަނގު ބިތުގެ ޤައުމުތަކާ ދެމެދު ކަނޑުމަގުން މުދާ އުފުލުމަށް ބޭނުން ކުރި ވިޔަފާރީގެ މަގެކެވެ. މިމަގަށް ސިލްކް ރޯޑްގެ ނަން ދީފައިވަނީ މިމަގު ބޭނުންކޮށްގެން ދަތުރުކުރާ ވިޔަފާރި މުދާ އުފުލާ އުޅަނދު ފަހަރުން އެންމެ ގިނައިން އުފުލާފައިވަނީ ސިލްކް ނުވަތަ ފަށުއި ކަމަށްވާތީއެވެ. 21 ވަނަ ޤަރުނުގެ ސިލްކް ރޫޓްގެ ގޮތުގައި މިހާރު އަޑުއިވެމުން މިދަނީ ކުރިން އަޑުއިވުނު ސިލްކް ރޯޑަށްވުރެ މާ ބޮޑު ބިޔަ މަޝްރޫޢެއްގެ ވާހަކައެވެ. 

މި މަޝްރޫޢުގެ ތެރެއިން ޗައިނާއިން ދުނިޔޭގެ އެކި ޤައުމުތަކާއެކު ބާއްވާ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަކީ ޗައިނާގެ އަމާޒެވެ. މިއާއެކު ސިލްކް ރޫޓްގައި ހިމެނޭ ޤައުމުތަކުގެ ޢުމްރާނީ ތަރައްޤީއަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެކަމަށް ޗައިނާއިން އަންނަނީ ބުނަމުންނެވެ. މި މަޝްރޫޢަށް އިތުބާރުލިބޭ އަނެއް ސަބަބަކީ ދުނިޔޭގެ ބާރުތަކުގެ ތެރެއިން ރަޝިޔާއާއި ތުރުކީވިލާތްވެސް މި މަޝްރޫޢުގައި ބައިވެރިވެފައިވުމެވެ. އަދި އަވައްޓެރި ސްރީލަންކާގެ ހަމްބަންޓޯޓާ ޕޯޓާއި ކޮލަމްބޯ ބޭރުން މެގަ ސިޓީ ފަދަ ތަންތަންވެސް މި މަޝްރޫޢުގެ ތެރެއިން އަންނަނީ ހަދަމުންނެވެ. ޗައިނާއިން ޤާއިމްކުރުމަށް މަސައްކަތް ކުރަމުން އަންނަ 21 ވަނަ ޤަރުނުގެ ވިޔަފާރީގެ މަގު، މެރިޓައިމް ސިލްކް ރޫޓްގައި ރާއްޖޭން ބައިވެރިވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އިސްނެންގެވުމުގެ މަތިން 2014 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. ސިލްކް ރޫޓްގައި ރާއްޖެއިން ބައިވެރިވެފައިވަނީ ސިލްކް ރޫޓްގެ ސަބަބުން ރާއްޖެއަށް އިޤްތިޞާދީ ގޮތުން ބޮޑު މަންފާއެއް ކުރާނެތީއެވެ. މެރިޓައިމް ސިލްކު ރޫޓު މަޝްރޫޢާ ގުޅިފައިވާ އިޤްތިޞާދީ ސިލްކްރޫޓް ބެލްޓްގައި ހިމެނޭ ޤައުމުތަކުގައި އިންފްރާސްޓްރަކްޗަރ ބިނާކޮށްދިނުމަށް 10 އަހަރު ތެރޭގައި 2.5 ޓްރިލިޔަން ރުފިޔާ ނުވަތަ (ދެހާސް ފައްސަތޭކަ ބިލިޔަން އެމެރިކާ ޑޮލަރު) އަށްވުރެ އިތުރަށް އިންވެސްޓްކުރާނެ ކަމަށް ޗައިނާއިންވަނީ ބުނެފައެވެ.

މެރިޓައިމް ސިލްކް ރޫޓްގައި ބައިވެރިވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޗައިނާގެ އެހީތެރިކަމާއެކު މިހާރު ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ބިޔަ މަޝްރޫޢުތައް ވަނީ ފެށިފައެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާ އިބްރާހީން ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ފަތުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށާއި ތަޢުލީމީ ދާއިރާއާއި ޞިއްޙީ އަދި ކުޅިވަރުގެ ދާއިރާއަށް ޗައިނާއިން މިހާރުވެސް އަންނަނީ ބޮޑެތި އެހީތަކެއް ދެމުންނެވެ. މީގެ އިތުރުން ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރިމެންޓަކީ އަނެއްކާވެސް ރާއްޖޭގެ ވިޔަފާރީވެރިންނަށް އޭގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ކުރާނެ އެއްބަސްވުމެކެވެ.

ސިލްކުރޫޓް މަޝްރޫޢުގައި ބައިވެރިވާނެ ކަމުގެ ފެހި އަލި ދީފައިވާ ޤައުމުތަކުގެ އަދަދު ފަންސާހަށްވުރެ މައްޗަށް އަރައެވެ. މި މަޝްރޫޢުގައި ބައިވެރިވާ ޤައުމުތަކުގައި ޗައިނާއިން ކުރުމަށް ރާވާފައިވާ އިންވެސްޓްމަންޓްތަކުގެ ތެރޭގައި ޓްރާންޝިޕްމަންޓް ބަނދަރުތަކާއި ކަރަންޓާއި އިންޓަނެޓްގެ ނެޓްވާރކްތައް ބިނާކޮށްދިނުމާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޮރިޑޯތަކާއި ތެލާއި ގޭސްހޮޅިތަކުގެ ނެޓްވާރކްތައް ބިނާކޮށްދިނުން ހިމެނެއެވެ. ޗައިނާއަކީ ދުނިޔޭގެ ދެވަނަ އިޤްތިޞާދީ ބާރެވެ.