ޚަބަރު

ކެންސަރަށް ފަރުވާ ހޯދާ ކުދިންތަކަކަށް ފައިސާގެ އެހީތެރިކަން


ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ގިނަ އަދަދެއްގެ ކުދިންތަކަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވައިފިއެވެ.

މިއަދު މުލީއާގޭގައި އޮތް ޙަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކެންސަރުބައްޔަށް ފަރުވާ ހޯދަމުންދާ އަށާރަ އަހަރުން ދަށުގެ ގިނައަދަދެއްގެ ކުދިންގެ ޢާއިލާއާ ވަކިވަކިން ބައްދަލުކުރައްވައި އެހީ ހަވާލުކޮށްދެއްވާފައެވެ. މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވިދާޅުވީ އެކި އެކި ބޮޑެތި ބަލިތަކާ ހަނގުރާމަކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަކީ އެކަމަނާއަށް ލިބިވަޑައިގަންނަވާ ބޮޑު އުފަލެއްކަމަށެވެ. އަދި ކެންސަރު ފަދަ ބަލިތައް ޖެހުމުން ދިރިހުރުމުގެ އުންމީދު ގެއްލޭފަހަރު އަންނަކަމަށާއި، އެހެން ނަމަވެސް އެފަދަ ބަލިތަކަށް ޝިފާހޯދުމަށް އުންމީދާއެކު މަސައްކަތް ކުރެއްވުމަށް އެކަމަނާ ގޮވާލެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14801729705292.jpg|ކެންސަރު ބައްޔަށް ފަރުވާ ހޯދާ ކުދިންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ވާހަކަފުޅުދައްކަވަނީ

އުންމީދަކީ ކާމިޔާބީގެ ފެށުންކަމަށާއި ބޮޑެތި ބަލި ބައްޔާއި ހަނގުރާމަ ކުރަމުންދާ ފަރާތްތައް މާޔޫސް ނުވުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. އަދި އެކަމަނާގެ ފަރާތްޕުޅުން ފޯރުކޮށްދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް އެފަރާތްތަކަށް އަބަދުވެސް ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ގެންދަވަނީ މުޖުތަމައުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އެގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އޮފީހުންނާއި އެކަމަނާ އިސްކޮށް ހުންނަވައިގެން ހިންގަވަމުންގެންދަވާ ޞަދަގާތު ފައުންޑޭޝަންގެ ފަރާތުން، އެހީތައް ފޯރުކޮށްދެއްވަމުން ގެންދަވައެވެ.