ޚަބަރު

ހާބަރ ސަރަޙައްދުގަ ތަރައްޤީކުރާ ފުޑް ކޯޓު މެއި މަހު ހުޅުވާނެ


މާލޭ ހުޅަނގު ފަރާތުގައި ކުރިން ހުރި ކެފޭތައް ބަންދު ކުރުމަށްފަހު އެތަން ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވުމަށް ނިންމަވާ އެ މަސައްކަތް ފަށްޓަވާފައިވަނީ މި އަހަރުގެ ތެރޭގައެވެ. މި މަސައްކަތް ހައުސިންގ މިނިސްޓްރީން ހަވާލު ކުރައްވާފައިވަނި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސް.ޓީ.އޯއާއެވެ. އެމަސައްކަތް ސަބް-ކޮންޓްރެކްޓަރ އެއްގެ ގޮތުގައި އެމް.އެސް ކާޕެންޓްރީ ހަމަޖައްސައި އެމަސައްކަތުގެ އަމަލީ މަސައްކަތް މިހާރުވަނީ ފަށާފައެވެ. 

އެސް.ޓީ.އޯގެ ޖެނެރަލް މެނޭޖަރ އިން ބިޒްނަސް ޑިވެލޮޕްމެންޓް، ޕަބްލިކް ރިލޭޝަންސް މުސްލިޙް މަސީޙް ވިދާޅުވީ، ފުޑް ކޯޓްގެ ފައުންޑޭޝަން މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަމަށެވެ. މުސްލިހް ވިދާޅުވީ، ފުޑް ކޯޓުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ މެއި މަހު އާންމުންނަށް އެތަނުން ޚިދުމަތް ލިބޭނެ ކަމަށެވެ. 

ފުޑްކޯޓުގައި 26 ސްޓޯލް ހެދުމަށް ނިންމާފައިވާއިރު، އެ ތަންތަން އާންމު ފަރާތްތަކަށް ކުއްޔަށްދޭނެ އުޞޫލް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި މުސްލިޙް ވިދާޅުވިއެވެ. ފުޑްކޯޓްގެ މަސައްކަތް ފެށުމަށްޓަކައި ހުޅަނގު ހާބަރު ސަރަހައްދުގައި ހުރި ކެފޭތައް ބަންދުކޮށް އެތަން ސާފުކޮށްފައިވަނީ މި އަހަރުގެ އެޕްރީލް މަހުއެވެ. ހުޅަނގު ހާބަރު ސަރަޙައްދަކީ ހިތް ފަސޭހަ ސަރަޙައްދަކަށް ހެއްދެވުމުގެ މަޤްސަދުގައި، "ރާވެރިބޭ މައިޒާން"ގެ ނަމުގައި ކުޑަކުދިންގެ ޕާކެއްވެސް އެ ތަނުގައި ސަރުކާރުންވަނީ ތަރައްޤީކުރައްވާފައެވެ.