ދުނިޔެ

ފިޑެލް ކާސްޓްރޯ އަކީ ކޮންބޭފުޅެއް ؟


* ފިޑެލް އެލެހަންދްރޯ ކާސްޓްރޯ ރޫޒް ނުވަތަ ފިޑެލް ކާސްޓްރޯ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1926 ވަނަ އަހަރު އޮގަސްޓްމަހުގެ 13 ވަނަ ދުވަހު ކިއުބާގެ ހޮލްގުން ޕްރޮވިންސްގެ ބިރަން އަވަށަށެވެ. ތަނަވަސް އާއިލާއަކަށް އުފަންވި ކާސްޓްރޯވަނީ ކިއުބާގެ ޔުނިވަރސިޓީ އޮފް ހަވާނާއިން ޤާނޫނީ ރޮނގުން ތަޢުލީމް ހާޞިލުކޮށް، ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. 

* ކިއުބާގެ ވެރިކަމަށް ކާސްޓްރޯ ވަޑައިގަތީ ބަޤާވާތަކުން އޭރު ވެރިކަމަށް ވަޑައިގެން ހުންނެވި އެމެރިކާއިން ވާގިވެރިވާ ރައީސް ބަޓިސްޓާގެ ވެރިކަން 1959 ވަަނަ އަހަރު ކާސްޓްރޯ އިސްކޮށް ހުންނަވައިގެން ގެނައި އިންޤިލާބެއްގައި ވައްޓާލުމަށްފައެވެ. 

img:http://s3.psmnews.mv/images/660x400/14801662579171.jpg|ކާސްޓްރޯ އޭނާގެ އިންޤިލާބުގެ ބައިވެރިންނާއެކު

* ލެޓިން އެމެރިކާ ކޮންޓްރޯލްކުރުމަށް އެމެރިކާއިން ގެންގުޅޭ ޕްލޭނާއި ފާޅުގައި ދެކޮޅު ހަދާ، ކޮމިއުނިސްޓް ސިޔާސަތުތައް ފުޅާކުރަމުން ގެންދިއުމުން އެމެރިކާގެ ނުރުހުން ވަރަށް ބޮޑަށް ކާސްޓްރޯއަށް އަމާޒުވެގެންދިޔައެވެ. 

* ކާސްޓްރޯގެ ވެރިކަމުގައި ކިއުބާގެ ފަޤީރުންނަށް ތަޢުލީމާއި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. 

img:http://s4.psmnews.mv/images/660x400/14801660454707.jpg|އިންޤިލާބަށްފަހު 1959 އަހަރުގެ ފެބްރުއަރީމަހުގެ 16 ވަަނަ ދުވަހު ކާސްޓްރޯ ބޮޑުވަޒީރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމުގެ ލިޔުމުގައި ސޮއިކުރައްވަނީ

* ފިޑެލް ކާސްޓްރޯއަކީ ކިއުބާގައި ފަންސާހަކަށް އަހަރު ވެރިކަންކުރެއްވި ބޭފުޅެކެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތާއި ތައިލެންޑުގެ ރަސްގެފާނަށްފަހު ދުނިޔޭގައި 3 ވަނައަށް އެންމެ ގިނަ ދުވަހު ޤައުމެއްގެ އެންމެ އިސް މަޤާމް ފުރުއްވި ބޭފުޅާއެވެ. 1959 ވަނަ އަހަރުން ފެށިގެން ކުރައްވަމުން ދިޔަ ވެރިކަން ކާސްޓްރޯ ވަނީ 2006 ވަނަ އަހަރު ވަގުތީގޮތުން ކޮއްކޯފުޅު ރާއޫލް ކާސްޓްރޯއާ ހަވާލުކުރައްވާފައެވެ. އަދި 2008 ވަނަ އަހަރު ކިއުބާގެ ވެރިކަން ކާސްޓްރޯ ރަސްމީގޮތުން ރާއޫލްއާ ހަވާލުކުރެއްވިއެވެ. 

* ހަޔާތުގެ އެންމެ ފަހު އަހަރުތަކުގައި ކާސްޓްރޯ ވަނީ އާއްމުންގެ ތެރެއަށް ނިކުތުން ވަރަށް ބޮޑަށް މަދުކުރައްވާފައެވެ. އެގޮތުން 2012 އަދި 2013 ވަނަ އަހަރު އާއްމުންގެ ތެރެއަށް ކާސްޓްރޯ ނިކުންނަވާފައިވަނީ އެންމެ ދެ ފަހަރުއެވެ. ނަމަވެސް އެޤައުމުގެ ރަސްމީ މީޑިއާއަށް އޭނާ ގެންދެވީ ކޮލަމްތައް ލިޔުއްވަމުންނެވެ. 

img:http://s4.psmnews.mv/images/660x400/14801659985862.jpg|1991 ވަނަ އަހަރު ޖުލައިމަހުގެ 26 ވަނަ ދުވަހު ކާސްޓްރޯ، ސައުތު އެފްރިކާގެ ކުރީގެ ރައީސް މަންޑޭލާއާއެކު

* ދިގު ތަޤްރީރުތައް ދެއްވުމަށް މަޝްހޫރު ފިޑެލް ކާސްޓްރޯ 1960 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 26 ވަނަ ދުވަހު އދގެ އާއްމު މަޖިލީހުގައި ދެއްވި ތަޤްރީރަކީ މިހާތަނަށް އދގެ އާއްމު މަޖިލީހުގައި ވެރިއަކު ދެއްވި އެންމެ ދިގު ތަޤްރީރެވެ. ކާސްޓްރޯވަނީ އެދުވަހު 4 ގަޑިއިރާއި 29 މިނެޓް ވަންދެން ތަޤްރީރުކުރައްވާފައެވެ. އޭނާ މިހާތަނަށް ދެއްވި އެންމެ ދިގު ތަޤްރީރަކީ 1998 ވަނަ އަހަރު ވެރިކަމުގެ އިތުރު ފަސް އަހަރުދުވަހުގެ ދައުރެއް ލިބިވަޑައިގަތުމުގެ މުނާސަބަތުގައި ދެއްވި ތަޤްރީރެވެ، އެދުވަހުގެ ތަޤްރީރު 7 ގަޑިއިރާއި 30 މިނެޓަށް ދިގުދެމިގެންދިޔައެވެ. 

img:http://s1.psmnews.mv/images/660x400/14801660233179.jpg|2003 ވަނަ އަހަރު ޖުލައިމަހުގެ 26 ވަނަ ދުވަހު ކާސްޓްރޯ ތަޤްރީރެއް ދެއްވަނީ

* ކާސްޓްރޯ ތުހުމަތުކުރާގޮތުގައި އޭނާ އަވަހާރަކޮށްލުމަށް އެމެރިކާއިން 634 ރޭވުމެއް ރޭވިއެވެ. އެމެރިކާގެ ޖާސޫސީ އިދާރާ ސީ.އައި.އޭ އާއި ބޭރުގެ ޖަމާޢަތްތައް ގުޅިގެން ރާވާފައިވާ މިރޭވުންތަކުގައި ވިހައާއި އެނޫންވެސް ކެމިކަލް ދީގެން ކާސްޓްރޯ މަރާލުމަށް އަދަޔާ ޚިލާފް އެތަކެއް ރޭވުންތަކެއް ރާވާފައިވާކަމަށް އޭނާ ތުހުމަތުކުރެއެވެ. 

img:http://s2.psmnews.mv/images/660x400/14801660738335.jpg|1992 ވަނަ އަހަރު އޮލިމްޕިކް ކުޅިވަރު މުބާރާތުގައި ވާދަކުރާ ކިއުބާގެ ކޮންޓިންޖެންޓަށް ކާސްޓްރޯ އިޝާރާތްކުރައްވަނީ

* ކާސްޓްރޯއަކީ ކިއުބަން ސިގަރ ( ބޮޑު ސުއްޓާ ) އާއްމުކޮށް ބޭނުންކުރެއްވި ބޭފުޅެއްނަމަވެސް، އޭނާވަނީ 1985 ވަނަ އަހަރު އެކަން ހުއްޓާލައްވާފައެވެ. އަދި ދުންފަތުގެ ނުރައްކަލާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ކާސްޓްރޯ ވިދާޅުވީ " ސުއްޓާ ފޮއްޓަކަށް ހެދޭނެ އެންމެ މޮޅު ގޮތަކީ ދުޝްމަނަކަށް ދިނުން " ކަމަށެވެ.

img:http://s2.psmnews.mv/images/660x400/14801661430884.jpg|2016 އޭޕްރީލް 19 ވަނަ ދުވަހު އޮތް ކޮމިއުނިސްޓް ޕާޓީގެ ބައްދަލުވުމެއްގައި ކާސްޓްރޯ ބައިވެރިވެވަޑައިގެންނަވަނީ

* ޓައިމް މެގަޒިން އިން ވަނީ ދުނިޔެ މިހާތަނަށް ދުށް އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި 2012 ވަނަ އަހަރު ކާސްޓްރޯ ހިމަނުއްވާފައެވެ. 

* ކާސްޓްރޯއަށް ވަނީ ފަސް ކައިވެނިން 9 ބޭފުޅަކު ލިބިވަޑައިގަންނަވާފައެވެ.