ޚަބަރު

ޕީއެޗްޑީ ފެންވަރުގެ ކޯސް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި


އިސްލާމީ ތަޢުލީމް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން، ޕީއެޗްޑީ ފެންވަރުގެ ކޯސްތައް ރާއްޖޭގައި ހިންގުމަށްޓަކައި މެލޭޝިޔާގެ ޔުނިވާރސިޓީއަކާއިއެކު އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ. މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސް ލިމިޓެޑްއިން ޔުނިވާރސިޓީ ސައިންސް އިސްލާމް މެލޭޝިޔާއާއެކު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ޕީއެޗްޑީ އަދި މާސްޓާސް ފެންވަރުގެ ކޯސްތައް ރާއްޖޭގައި ހިންގުމަށް ފުރުސަތު ލިބިގެންދާނެއެވެ.

ޔުނިވާރސިޓީ ސައިންސް އިސްލާމް މެލޭޝިޔާގައި އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމް.ސީ.އައި.އެފްގެ ފަރާތުން ސޮއި ކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ދީދީއެވެ. ޔުނިވާރސިޓީ ސައިންސް އިސްލާމް މެލޭޝިޔާގެ ފަރާތުން ސޮއިކުރެއްވީ، އެ ޔުނިވާރސިޓީގެ ވައިސް ޗާންސެލަރ ޕްރޮފެސަރ ދާތޯ މޫސާ އަޙުމަދެވެ.

ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމް ފުޅާކުރެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ސަރުކާރުން ގެންދަވަނީ ފުޅާކުރައްވަމުންނެވެ. އެގޮތުން ބައިނަލްއަޤުވާމީ ފެންވަރުގެ ޔުނިވާރސިޓީ ތަކާއިއެކު އެއްބަސްވުންތައް ޤާއިމްކުރައްވައި އެކަންކަން ތަންފީޒުކުރައްވަން ވަނީ ފަށްޓަވާފައެވެ. މިއީ އެކި ދާއިރާތަކުން އިސްލާމީ ތަޢުލީމް ޙާސިލްކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ބޭރު ޤައުމުތަކުގައި ތަޢުލީމް ޙާސިލްކުރުމަށާއި، ރާއްޖޭގައި ތިބެގެން ބައިނަލްއަޤްވާމީ ފެންވަރުގެ ކޯސްތައް ހެދުމަށް ހުޅުއްވާލައްވާ ފުރުސަތުތަކެކެވެ.

ސަރުކާރުން އިސްލާމީ ތަޢުލީމް ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން މިމަހު 24 ވަނަ ދުވަހު ވަނީ އިސްލާމިކް ފައިނޭސް ދާއިރާއިން ތަޢުލިމް ޙާސިލްކުރަން ބޭނުންވާ ފަރާތަކަށް، ރާއްޖޭގައި ތިބެގެން އެ ފުރުސަތު ހޯދާދެއްވުމުގެ ގޮތުން ޕީއެޗްޑީ ފެންވަރުގެ ކޯސްތަކެއް ރާއްޖޭގައި ހިންގުމަށްޓަކައި މެލޭޝިޔާގެ ޔުނިވާރސިޓީއަކާއެކު އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.