ޚަބަރު

ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 21 މިސްކިތެއް ޢިމާރާތްކޮށްފައިވޭ


ސަރުކާރުން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 21 މިސްކިތެއް ޢިމާރާތްކޮށް ނިމިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިސްކިތްތައް ޢިމާރާތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރައްވަމުން އަންނަ މަސައްކަތެކެވެ. މިގޮތުން ވޭތުވެދިޔަ 3 އަހަރުގެތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި 21 މިސްކިތް ބިނާކުރައްވާ ރައްޔިތުންނަށް ބޭނުންކުރެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސަވާފައެވެ. މީގެތެރޭގައި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ކުރިއަށްގެންދިޔަ މަޝްރޫޢުތަކާއި ސައުދީ ސަރުކާރުގެ ހިލޭ އެހީގައި ޢިމާރާތްކޮށްފައިވާ މިސްކިތްތައް ހިމެނެއެވެ.

ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން މިހާރުވެސް މިސްކިތް ބިނާކުރުމުގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދަވައެވެ. 48 މިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން މިހާރުވެސް 14 މިސްކިތެއްގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ. މި މިސްކިތްތަކުގެ މަސައްކަތްތައް އެކި މަރުޙަލާގައި ކުރިއަށްދާ ކަމަށާއި، މީގެތެރެއިން 6 މިސްކިތެއް މިއަހަރުގެ ނިޔަލަށް މަސައްކަތް ނިންމާލުމަށް އަމާޒުކޮށްފައިވާއިރު، 8 މިސްކިތެއްގެ މަސައްކަތް އަންނަ އަހަރުގެތެރޭގައި ނިންމާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.