ޚަބަރު

މާލެ ސަރަހައްދުގެ ފަޤީރުންނަށް މުދަލުގެ ޒަކާތް ބަހައި ނިމިއްޖެ


މުދަލު ޒަކާތުގެ ގޮތުގައި ދެމިލިއަނަށްވުރެ ގިނަ ރުފިޔާ މާލެ ހިމެނޭ ސަރަޙައްދުގެ ފަޤީރުންނަށް ބައްސަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މާލެ ސަރަޙައްދުގެ ފަޤީރުންނަށް މުދަލު ޒަކާތް ބެއްސެވީ މިމަހުގެ އެކާވީހުން ތޭވީހުގެ ނިޔަލަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މާލެ ހިމެނޭ ސަރަޙައްދުގެ ފަޤީރުންގެ ލިސްޓުގައި 2399 މީހުން ތިބި ކަމަށެވެ. މީގެ ތެރެއިން 103 މީހުން ފިޔަވާ ދެން ތިބި އެންމެނަށް މުދަލު ޒަކާތް ބައްސަވާފައިވާކަމަށެވެ. އެހެންކަމުން ޖުމްލަ 2296 މީހަކަށް ބޮލަކަށް 900 ރުފިޔާގެ މަގުން މުދަލު ޒަކާތް ބައްސަވާފައިވާ ކަމަށެވެ.

މާލެ ސަރަޙައްދަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ ދެމިލިއަން ފަސްދޮޅޮސް ހަހާސް ހަތަރު ސަތޭކަ ރުފިޔާ ބައްސަފާއިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި އަހަރު މުޅި ރާއްޖެއިން ފަޤީރުންގެ ގޮތުގައި ލިސްޓްކުރެވިފައި ވަނީ 12،335 މީހުންނެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި، ސާޅީސް އެއް މިލިއަން ދުއިސައްތަ އަށާވީސް ނުވަސަތޭކަ ސާޅީސް ނުވަ ރުފިޔާ ލިބިފައިވެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިދިޔަ އަހަރު 51،990 ފަޤީރުން ލިސްޓްކުރެވިފައިވާކަމަށެވެ.

މިދިޔަ އަހަރު ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ބޮލަކަށް 400 ރުފިޔާ އިސްލާމިކް މިނިސްޓްރީން ބައްސަވާފައިވެއެވެ. ރަށްރަށުގައި މުދަލު ޒަކާތްބެހުން ކުރިއަށްދާނީ އެރަށެއްގެ ކައުންސިލް އިދާރާގައެވެ. ބައެއް ރަށްރަށުގައި މުދަލު ޒަކާތް ބެއްސެވުމުގެ ކަންކަން އަދި މުޅިން ނުނިމެއެވެ.