ޚަބަރު

އަނިޔާގެ ޢަމަލުތަކުގެ ސަބަބުން ތަރައްޤީއަށް ހުރަސްއެޅޭ


ޤައުމުގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންކަމަށް ވީހިނދު، އަންހެނުނާމެދު ހިންގާ އަނިޔާގެ ޢަމަލުތަކުގެ ސަބަބުން ތަރައްޤީއަށްޓަކައި ކުރިއަށް އަޅާ ފިޔަވަޅުތަކަށް އަސަރުކޮށް ހުރަސްތައް ކުރިމަތިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް، އެޗްއާރުސީއެމުން ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަކީ އަންހެނުންނަށް އަނިޔާކުރުމާ ދެކޮޅަށް ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ފާހަގަކުރާ ދުވަހެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އަންހެނުންނާއި އަންހެން ކުދިންނާމެދު ކުރެވޭ ނޭދެވޭ އެންމެހާ ތަފާތުތައް ކުޑަކުރުމާއި، ތަރައްޤީގެ ފައިދާ އަންހެނުންނަށް ލިބޭ މިންވަރު އިތުރުކުރުމެވެ.

2030 ވަނަ އަހަރަށް ޙާޞިލް ކުރުމަށް ދެމެހެއްޓެނިވި ތަރައްޤީގެ 17 ލަނޑުދަނޑިއެއް ކަނޑައަޅާފައިވާއިރު، އަންހެނުންނަށް ކުރިމަތިވާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން މި ލަނޑުދަނޑިތައް އެކަށީގެންވާ ގޮތެއްގައި ޙާޞިލު ކުރުމަށް ހުރަސްއެޅޭކަން ފާހަގަކުރެވޭކަމަށް އެޗްއާރުސީއެމުން ނެރުއްވާފައިވާ ބަޔާނެއްގައިވެއެވެ. އަންހެނުންނާމެދު ކުރާ އެންމެހާ ނޭދެވޭ ތަފާތުތައް ނައްތާލުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގެ ދަށުން އުފައްދާފައިވާ ކޮމިޓީއިން ދިވެހިރާއްޖެއަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވައި އަނިޔާކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ދައުލަތަށް ގޮވާލާފައިވެއެވެ. އެގޮތުން ގެވެށި އަނިޔާގެ ޤާނޫނުގައިވާ ކަންކަން ތަންފީޒުކުރުމަށް ބޭނުންވާ ބަޖެޓު ލިބިދިނުމާއި، އަނިޔާގެ ޢަމަލުތަކުގެ ޝަކުވާއަށް އިޖާބަދިނުމާއި، އަނިޔާގެ ޢަމަލުތައް ލަސްނުކޮށް ތަޙްޤީޤުކުރުމާއި، އަނިޔާކުރާ ފަރާތްތަކަށް ޤާނޫނީ އަދަބު ލިބޭނެކަން ކަށަވަރުކުރުން ހިމެނޭކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ.

މިގޮތުން އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް، ޕެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ، މިނިސްޓްރީ އޮފް ހެލްތު އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކުރައްވަމުން ގެންދަވާ މަސައްކަތް އެޗްއާރސީއެމުން ފާހަގަކުރައްވައެވެ. އެޗްއާރުސީއެމުން ވިދާޅުވީ އެ ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަތަކަށް ބައްލަވާއިރު ރައްކާތެރިކަމުގެ އަމުރު ނެރުން ލަސްވުމާއި، ގެވެށިއަނިޔާގެ މައްސަލަތަކާއި، ބަލައި ފާސްކުރުމުގެ މައްސަލަ ހިމެނޭކަމަށެވެ.

tw:https://twitter.com/hrcmv/status/801719006574981120