ޚަބަރު

ބިދޭސީން 25 ޑޮލަރު، ދިވެހިން 12 ޑޮލަރު އެއަރޕޯޓް ޗާރޖަށް


ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ބޭރަށް ފުރާ ކޮންމެ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ނަންގަވާ ޓެކްސްއާއި ފީ ނެންގެވުމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ބިލް މަޖިލީހުން ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 48 އަޣްލަބިއްޔަތުންނެވެ. ދެކޮޅަށް 20 މެމްބަރަކު ވޯޓު ދެއްވިއެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދު ހުށައަޅުއްވާފައިވާ ދިވެހި ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ބިލް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދެވެ. އެއަރޕޯޓް ތަރައްޤީކުރުމުގެ ގޮތުން އެއަރޕޯޓުން ފުރާ ކޮންމެ ފަސިންޖަރަކު އަތުން ނަގާ ޓެކްސްއާއި ފީ ނުވަތަ އެއަޕޯރޓް ޑިވެލޮޕްމަންޓް ޗާޖަކީ އަންނަ އަހަރު ދައުލަތަށް ޢާމްދަނީ ހޯދުމަށްޓަކައި ބަޖެޓްގައި މުޅިން އަލަށް ނެގުމަށް ހިމަނުއްވާފައިވާ ޓެކްސްއެކެވެ. މިބިލް އިޤްތިޞާދީ ކޮމިޓީން ފާސްކުރައްވައި މަޖިލީހުގެ ތަޅުމަށް ހުށައެޅުއްވި ރިޕޯޓަށް ބަޙުސްކުރެއްވި ގިނަ މެމްބަރުން ބިލަށް ތާއީދުކުރެއްވިއެވެ. މެމްބަރުންގެ ވާހަކަފުޅުގައި އެއަރޕޯޓް ތަރައްޤީއަށް ހުރިހާ ފަސިންޖަރުންގެ އަތުން ޓެކްސް ނެގުން މުހިންމުކަމުގައި ވިދާޅުވިއެވެ.

މަޖިލީހުން ފާސްކުރެއްވި މި ބިލްގައި ބުނެފައިވަނީ، އެއަރޕޯޓް ސަރރވިސް ޗާރޖްގެ ގޮތުގައި އެއަރޕޯޓުން ފުރާ ކޮންމެ ބިދޭސީ ފަސިންޖަރަކު އަތުން 25 ޑޮލަރު، އަދި ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު ނެގޭނެ ކަމަށެވެ. ނަމަވެސް ޑިޕްލޮމެޓިކް ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި ދެއަހަރުން ދަށުގެ ކުދިންގެ އަތުން ސަރވިސް ޗާޖްނެގުން އިސްތިސްނާ ކުރައްވާފައިވެއެވެ. އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ނަންގަވާ ފީ އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާރޖް، ޓްރާންސިޓް ފަސިންޖަރުން ހިމެނޭ ގޮތުން ބޭރަށް ފުރާ ކޮންމެ ފަސިންޖަރަކު އަތުން ނެގޭނެ ކަމަށާއި، ނަމަވެސް ޑިޕްލޮމެޓިކް ފަރާތްތަކުގެ އަތުން މި ފީ ނުނެގޭކަމަށް ފާސްކުރެއްވި ބިލްގައިވެއެވެ.