ވިޔަފާރި

ވެލިދޫގައި ބީއެމްއެލް ސެލްފް ސަރވިސް އޭޓީއެމްއެއް ބަހައްޓައިފި


ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގައި ކުރަމުންދާ އިންވެސްޓްމަންޓް ފުޅާކޮށް ނ. ވެލިދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް އެއް ބަހައްޓައިފިއެވެ.

މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކޮށް ޓްރާންސްފަރ ކުރުމާއި ފައިސާ ނެގުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެކަމަށް ބީއެމްއެލްއިން މަޢުލޫމާތުދެއެވެ.

މި އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކުރެވިގެން މި ދިޔައީ ރާއްޖޭގައި ބޭންކިންގ ޚިދުމަތް ފުޅާކޮށް އަދި މުޅި ގައުމަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުންނެވެ.

މި އޭޓީއެމްގެ ޚިދުމަތް ތައާރަފްކުރުމާ ގުޅޭގޮތުން ބީއެމްއެލްގެ ރީޓެއިލް ބޭންކިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މުޅި ރާއްޖޭގައި ބޭންކުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގައި މިއަދަކީވެސް ވަރަށް މުހިންމު ލަނޑުދަނޑިއެއް ހާސިލްވެގެން ދިޔަ ދުވަހެއްކަމަށެވެ. ބޭންކުގެ 300 މިލއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް އިންވެސްޓްމަންޓްތަކެއް ފެންނަމުން އަންނަކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއަދު ޚިދުމަތް ދޭން ފެއްޓުނު އޭޓީއެމްގެ ސަބަބުން ވެލިދޫގެ ތަރައްޤީ އާއި ކުރިއެރުމަށް އިތުރު އެހީތެރިކަން ލިބިގެންދާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދަނީ އާ ބްރާންޗާއި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ ތައް ޤާއިމުކޮށް މުޅި ރާއްޖޭގައި އެ ބޭންކުގެ ޚިދުމަތް ފުޅާކުރަމުންނެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 29 ބްރާންޗް، 76 އޭޓީއެމް، 3900 ޕީއޯއެސް މަރޗަންޓުން، 191 ކޭޝް އޭޖެންޓުން، 16 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް އެ ބޭންކުން އަންނަނީ ދެމުންނެވެ.