ޚަބަރު

4496 ޓިކެޓަށް 2.2 މިލިއަން ޑޮލަރު ވިއްކައިފި


ފާއިތުވީ ހަތަރު ދުވަހުގެ ތެރޭގައި 4492 ޓިކެޓަށް 2.2 މިލިއަން ޑޮލަރު ދޫކޮށްފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ, އެމްއެމްްއޭއިން ހާމަކޮށްފިއެވެ. 

ރާއްޖެއިން ބޭރަށް ފުރާ ދިވެހީންނަށް ޑޮލަރު ވިއްކުމުގެ ކަންކަމާ މަރުކަޒީ ބޭންކު, އެމްއެމްއޭއިން ހަވާލުވި ފަހުން މިހާތަނަށް ވިއްކާފައިވާ ޑޮލަރުގެ އަގު 2.2 މިލިއަނަށް އަރާއިރު މިއީ ދިވެހި ރުފިޔާއިން ބަލާއިރު 34 މިލިއަން ރުފިޔާއެވެ. ޑޮލަރު ސީދާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ވިއްކެވުމަށް ނިންމަވާފައިވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ލިބުމުގައި އޮތް ދަތިކަމަށް ޙައްލެއް ގެންނެވުމުގެ ގޮތުންނެވެ. މިކަމަށް މިހާރު ހައްލެއް ގެނެސްފައިވާއިރު މިއީ މިފިދަ އިންތިޒާމްތަކެއް އާންމު ރައްޔިތުންނަށް ފަސޭހަވާނެހެން ހެދި ފުރަތަމަފަހަރެވެ. 

އެމްއެމްއޭއިން ރާއްޖެއިން ބޭރަށް ފުރާ ދިވެހިން އާންމުންގެ ޓިކެޓަށް ޑޮލަރު ވިއްކަމުން އަންނަނީ ޓިކެޓަކަށް ފަސްސަތޭކަ ޑޮލަރުގެ ރޭޓުންނެވެ. ބޮޑު ޗުއްޓީއާ ދިމާކޮށް، ޗުއްޓީއަށާއި އެހެނިހެން ބޭނުންތަކަށް ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް ޑޮލަރު ދޫކުރެއްވުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސެވުމުގެ މަޤްޞަދުގައި މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ ހަތްވަނަ ދުވަހުގެ ނިޔަލަށް ޑޮލަރު ދޫކުރައްވަނީ އެމްއެމްއޭއިންނެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނު 09:00 ން ފެށިގެން ހަވީރު 06:00 އާ ހަމައަށް ޑޮލަރު ގަންނަން އަންނަ ފަރާތްތަކުގެ ޕާސްޕޯޓާއި ޓިކެޓް ވެރިފައިކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ އިރު، ހަވީރު 16:00 އިން ރޭގަނޑު 20:00 އާ ހަމައަށް ވެރިފައިކުރާ ޓިކެޓްތަކަށް ޑޮލަރު ދޫކުރަން ވަނީ ހަމަޖައްސާފައެވެ.