ޚަބަރު

ހައްޖު ކޯޕަރޭޝަނުން އުމްރާ ދަތުރުތަކުގެ އަގު ހެޔޮކުރައްވައިފި


އަންނަ އަހަރުގެ މާޗްމަހުގެ ސްކޫލް ބަންދާދިމާކޮށް، ޙައްޖު ކޯރޕަރޭޝަނުން ކުރަން ހަމަޖައްސާފައިވާ ޢުމްރާ ދަތުރުތަކުގެ އަގުތައް ކުރިއަށްވުރެ ހެޔޮކޮށްފައިވާކަމަށް ޙައްޖު ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދްރީސް ވިދާޅުވެއްޖެއެވެ. ޔާމީން މިހެން ވިދާޅުވީ، ޙައްޖު ކޯރޕަރޭޝަނުން ހިންގާ "މުވައްޒަފުންގެ ޙައްޖު ސްކީމް"ގައި ހިއުމަން ރައިޓްސް ކޮމިޝަނުން ބައިވެރިވެވަޑައިގަތުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގައެވެ.

ޔާމީން އިދްރީސް ވިދާޅުވީ، ކުރިން އެ ކޯޕަރޭޝަނުގެ ޢުމްރާ ދަތުރުތަކުގެ އަގަކީ 25،965 (ފަންސަވީސްހާސް ނުވަ ސަތޭކަ ފަސްދޮޅަސް ފަސް) ރުފިޔާ ނަމަވެސް މިހާރު އެ އަގު 22،965 (ބާވީސްހާސް ނުވަސަތޭކަ ފަސްދޮޅަސް ފަސް) ރުފިޔާ އަށް ކުޑަ ކުރައްވާފައިވާކަމަށެވެ. މިއީ 3000 ރުފިޔާގެ އަގުހެޔޮވުމެކެވެ.

މީގެ އިތުރުން ޢުމްރާ ދަތުރުތަކުގައި ބައިވެރިވާ ސްކޫލްތަކުގެ ކުދިންނާއި 4 މީހުންނާއި 10 މީހުންގެ ޓީމު ތަކަށްވެސް ޑިސްކައުންޓް ދޭ ގޮތަށް ނިންމަވާފައިވާ ކަމަށް ޔާމީން އިދުރީސް ވިދާޅުވިއެވެ.

މުވައްޒަފުންގެ ފަންޑުގައި ބައިވެރިވާ އިދާރާތަކަށް ލުއިފަސޭހަކޮށް ބައިވެރިވެވޭނެ ގޮތަށް ޕޯޓަލްއެއް ތަޢާރަފްކުރުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށްވެސް ޔާމީން އިދުރީސް ވިދާޅުވިއެވެ.

"މި ސްކީމްގައި ބައިވެރިވާ ފަރާތްތަކަށް ޕޯޓަލްއެއް ތަޢާރަފްކޮށް މުވައްޒަފުން އެ އިދާރާއެއްގެ ތެރެއިން އެ ސްކީމްގައި ބައިވެރިވެރިކޮށް ކޮންމެ މަހަކުވެސް ރަޖިސްޓްރީ ކުރެވި، ފައިސާ ދެއްކުން މީގެ ތެރެއިން ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފަ. އިރާދަކުރެއްވިއްޔާ ރަސްމީކޮށް މީތި ލޯންޗް ކުރުމުގެ މަސައްކަތް ޑިސެމްބަރ މަހުގެ ތެރޭގައި ފަށައިގަނެވޭނެ." ޔާމީން އިދުރީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރ މޫސާ ޢަލީ ކަލޭގެފާނު ވިދާޅުވީ މި ސްކިމުގައި ބައިވެރިވުމުގެ ސަބަބުން ކޮމިޝަނުގެ މުވައްޒަފުންނަށް ދުނިޔަވީ ފައިދާތަކުގެ އިތުރުން އުޚްރަވީ ފައިދާތައްވެސް ލިބިގެންދާނެ ކަމަށާއި މިއީ އެކަމަށް ކޮށައިދެވޭ މަގެއް ކަމަށެވެ.

"ޙައްޖަކީ އިސްލާމްކަމުގެ 5 ރުކުނުގެ ތެރެއިން ރުކުނެއް.އެ ރުކުން އަދާކުރަން މި ޖެހެނީ މާލީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި މަދަނީ ގޮތުން ކުޅަދާނަކަން ލިބިގެންވާ ފަރާތްތަކުން ހަމައެކަނި. އެހެންވީމަ އެއީ ވާޖިބެއް.އެކަން ފުރިހަމަވާ މީހުން މި ޙައްޖު އަދާކުރުމަކީ.އެހެންވީމަ މިއީ އެކަމަށް ކޮށައިދެވެ މަގެއް." މޫސާ ޢަލީ ކަލޭގެފާނު ވިދާޅުވިއެވެ.

މިއަދާ ހަމައަށް ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ހިމެނޭގޮތުން 38 އިދާރާއަކުން މި ސްކީމްގައި ބައިވެރިވެފައިވާކަމަށް ޙައްޖުކޯޕަރޭޝަނުން ހާމަކުރެއެވެ.