ޚަބަރު

2017ގެ މެދުތެރޭގައި ޒުވާނުންގެ އެޖެންޑާގެ %75 ތަންފީޒް ކުރެވޭނެ


ޔޫތު މިނިސްޓްރީއާ ރައީސް ޙަވާލުކުރައްވާފައިވާ ޒުވާނުންގެ އެޖެންޑާގެ 75 ޕަސެންޓް އަންނަ އަހަރުގެ މެދުތެރެއާއި ހަމައަށް ތަންފީޒު ކުރެވިގެންދާނެކަމަށް ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ޒުވާނުންގެ އެވޯޑް މިރޭ ޙާސިލުކުރާ ހުރިހާ ޒުވާނުން ކުރިއަށް އޮތް ތަނުގައި ރޯލް މޮޑެލުންގެ ގޮތުގައި ޝަރަފްވެރިކަމާއިއެކު މުޖްތަމަޢުގައި ޙަރަކާތްތެރިވެލެއްވުމަށާއި، ޒުވާނުންގެ އެންބެސެޑަރުންގެ ގޮތުންގައި ދެމިތިއްބެވުމަށް އިލްތިމާސްކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ރައީސް ޔާމީންގެ ސަރުކާރުން ގެނަސްދެއްވާ ތަރައްޤީގެ ކޮންމެ ބިޔަ ބޮޑު ޕްރޮޖެކްޓެއް ކުރިއަށް ގެންދަވަނީ ދިވެހި ޒުވާނުންނަށް ވަޒީފާއާއި ގެދޮރުގެ ފުރުޞަތުތައް އެކުލެވޭ ސިޔާސަތެއްގެ ދަށުން، ކޮންމެ ޒުވާނަކަށްވެސް ޒިންމާދާރުކަމާއެކު ކުރިއަށްދެވޭނެ މަގު ދައްކަވަމުން ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ޒަޢާމަތުގެ ކުރީން ހިނގި އެއްވެސް ސަރުކާރެއްގައި، ޤައުމީ އެޖެންޑާގެ އެންމެ އިސްކަން ޒުވާނުންނަށް ދެވިފައެއް ނެތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ފާއިތުވެގެން ދިޔަ 3 އަހަރު ޒުވާނުންނަށް ޚާއްޞަކުރައްވައިގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޒުވާނުންނަށް އަމާޒު ކުރެވިގެން ޚާއްސަ އިންޓާންޝިޕް އަދި އެފްރެންޓިޝް ޕްރޮގުރާމުތައް ހިންގުމާއި، ޖޮބްފެއާތަކާއި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކުރުމަށް މުހިންމު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، މިއަދުގެ ސަރުކާރުން ޒުވާނުންނަށް އުންމީދުތައް އާނުކޮށްދޭ އެއްވެސް ދާއިރާއެއް ނެތްކަމަށާއި  މީގެކުރިން 30 މިލިއަން ރުފިޔާގެ ބަޖެޓެއްގައި އޮތް ޒުވާނުންގެ މިނިސްޓްރީގެ ބަޖެޓް، މި ސަރުކާރުން 10 ގުނައަށް އިތުރުކޮށްދެއްވާފައިވާކަމަށް ވިދާޅުވިއެވެ. އަދި  މި ފާއިތުވީ 3 އަހަރު، ރާއްޖޭގެ އުތުރުން ދެކުނަށް ކުޅިވަރާ ކަސްރަތުގެ ވަސީލަތްތައް ޤާއިމުކުރެވެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް "މިހާތަނަށް 53 ފުޓްސެލް ދަނޑު ޤާއިމުކޮށް ނިމިފައިވާއިރު، 84 ފުޓްސަލް ދަނޑުގެ މަސައްކަތް ހިނގަމުން އެބަދޭ. 36 ބަށިކޯޓުގެ މަސައްކަތް ނިމިފައިވާއިރު، 55 ބަށިކޯޓް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ. 11 ފުޓްބޯޅަ ދަނޑު ލެވެލްކޮށް އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިމިފައިވާއިރު، އެކަމަށް 75.5 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވޭ. މިހާރުވެސް 26 ފުޓްބޯޅަ ދަނޑެއް ލެވެލްކޮށް ފެންސް ޖެހުމުގެ މަސައްކަތްކުރެވެމުންދާކަން އުފަލާއެކު ފާހަގަކުރަން. މިދެންނެވި ކަންކަމުގެ އިތުރަށްވެސް ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގައި ހިމެނޭ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރެވި، ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ހިނގަމުންދާކަން ފާހަގަކޮށްލަން..." މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.

މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، ރައީސް ޔާމީން ރާއްޖޭގެ ރިޔާސަތާ ޙަވާލުވެވަޑައިގެންނެވި ފަހުން މުޅިން އަލަށް ޒުވާނުންގެ 23 މަރުކަޒު ހުޅުއްވާފައިވާކަމަށާއި އިތުރު 24 ޒުވާނުންގެ މަރުކަޒެއް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ބާރު ސްޕީޑްގައި ކުރައްވަމުން ގެންދަވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒު މިއަދު ހުރީ އެންމެ ޅަ ޒުވާން ޢުމުރުން ފެށިގެންވެސް ބާއްޖަވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދެއްވުމަށް ކަމަށެވެ.

"ޤަތަރު ސަރުކާރުގެ އެހީގައި ބައިނަލްއަޤްވާމީ ފުޓްބޯޅަ ސްޓޭޑިއަމެއް އެޅުމުގެ ޔަޤީންކަން ލިބިފައިވާއިރު، ޔޫތުސިޓީގައި ބިނާކުރެވެމުންދާ އެތުލެޓިކް ސިންތެޓިކް ޓްރެކްގެ 75 ޕަސެންޓްގެ މަސައްކަތް މިހާރު ވަނީ ނިމިފައި. މި މަޝްރޫއަށް 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެގެން ދާނެ.... މީގެ ހަފުތާއެއްހާ ދުވަސް ކުރީން، ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގެ ބިޔަ މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރެވިފައި. ކުޅިވަރުގެ އިފްރާސްޓްރަކްޗަރ ޤާއިމުކުރުމުގައި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި މިދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން. އާދެ! ގދ. ތިނަދޫގައި ޤާއިމުކުރެވެމުންދާ ސްޕޯޓްސް އެރީނާ ސްޕޯޓްސް ކޮމްޕެލްކްސްގެ މަސައްކަތް ނިމުމަކާ ހިސާބަށް ވަނީ އައިސްފައި. މި މަޝްރޫއަށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެގެންދާނެ..." މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަކީ ޕްރޮފެޝަނަލުންނަށް ހެދުމުގެ ވަޢުދުގެ ދަށުން 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް، 213 ކުޅުންތެރިންގެ މުސާރައަށް 7 މިލިއަން ވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

މި 3 އަހަރުގެ ތެރޭގައި، ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމުގެ 56 ކޯހެއް އެއްވެސް ފީއެއް ނެގުމަކާ ނުލައި ހިންގަވާފައިވާކަމަށާއި މިކޯސްތަކުގައި 928 ޒުވާނުން ތަމްރީނުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ކޯސްތަކަށް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައިވާކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

 މިއަހަރު، ޤައުމީ ޒުވާނުންގެ ދުވަހުގެ ޝިޢާރަކީ " ޒުވާނުންނާ އުންމީދު " މި ޝިއާރެވެ.