ޚަބަރު

ކައުންސިލަރުކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުމަށް އިސްލާހެއް


އުމުރުން 65 އަހަރުން މަތީ ފަރާތްތަކަށް ކައުންސިލަރު ކަމަށް ކުރިމަތިނުލެވޭ ގޮތަށް ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށް އިޞްލާޙް ހުށަހަޅުއްވައިފިއެވެ. އެ އިޞްލާޙް މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރ އިބްރާޙީމް ސުޖާޢުއެވެ.

މި އިސްލާހު މަޖިލީހަށް ހުށައަޅުއްވަމުން ބާރަށު ދާއިރާގެ މެމްބަރު އިބްރާޙީމް ސުޖާޢު ވިދާޅުވީ ޤާނޫނޫ އަސާސީގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ އެންމެ މަތީ އުމުރަކީ 65 އަހަރު ކަމަށް ބަޔާންކޮށްފައިވާއިރު އެ އުމުރަކީ ސަރުކާރުގެ ހާއްސަ އިނާޔަތްތައްވެސް ލިބޭ އުމުރެއް ކަމަށެވެ.

މި އިޞްލާހަށް ބަހުސްކުރެއްވި ގިނަ މެމްބަރުން ވަނީ އިޞްލާޙާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. އޭގެތެރޭގައި ސަރުކާރަށް ތާޢީދު ކުރައްވާ މެމްބަރުންވެސް ހިމެނެއެވެ. އެގޮތުން މި އިޞްލާޙަށް ބަހުސް ކުރައްވަމުން ކަނޑިތީމު ދާއިރާގެ މެމްބަރު މުޙައްމަދު ހުސައިން ވިދާޅުވީ، އިންތިޙާބުތަކަށް ކުރިމަތިލުމުގެ ހައްގު ހަނިކުރުމަކީ ހަމައެކަނި އެ އިންތިޙާބަށް ކުރިމަތިލައްވާ ފަރާތުގެ ހައްޤެއް ނޫން ކަމަށެވެ.

މި އިޞްލާޙަށް ބަހުސް ކުރައްވަމުން ވިލިފުށި ދާއިރާގެ މެމްބަރ ރިޔާޒު ރަޝީދު ވިދާޅުވީ ހުށަހަޅުއްވާފައިވާ އިޞްލާޙު މަޖިލީހަށް ބަލައިގަނެ ފާސްކުރުމާ ގުޅޭ ގޮތުން އެއްފަހަރަށްވުރެ ގިނަ ފަހަރަ ވިސްނާލައްވަން ޖެހޭ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށް ސުޖާޢު މި އިޞްލާޙު ހުށަހެޅުއްވިއިރު ލޯކަލް ކައުންސިލްގެ ޤާނޫނުގައި ބުނެފައިވަނީ އަށާރަ އަހަރުން މަތީގެ ކޮންމެ މީހަކަށް ކައުންސިލަރ ކަމަށް ކުރިމަތިލެވޭނެ ކަމަށެވެ.