ސިޔާސީ

ރައީސް ޔާމީނާ ވާދަކުރެވޭނެ ސިޔާސީ ލީޑަރެއް ރާއްޖެއަކު ނެތް


ރައީސުލްޖުމްޙޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ވާދަކުރެވޭ ފެންވަރުގެ އެއްވެސް ލީޑަރަކު މިވަގުތު ރާއްޖޭގެ ސިޔާސީ މައިދާނުގައި ނެތްކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރެއްވުމަށް ހޯމް މިނިސްޓްރީން ބޭއްވެވި ކޭކުފެޅުމުގެ ޙަފްލާއަށްފަހު ނޫސްވެރިނާއި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، ދިވެހި ރާއްޖޭގެ ތާރީޚުގައި ފެންނަންހުރި އެންމެ ކާމިޔާބު ރައީސަކީ ރައީސް އަބްދުﷲ ޔާމީނުކަމަށެވެ. އެގޮތުން ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް، ޚާއްސަކޮށް ޒުވާނުންނާއި ގުޅުންހުރި އެތައްކަމެށް ކުރައްވާ ރާއްޖޭގެ އިޤްތިޞާދު ކޮޅަށްޖެއްސެވިދާނެ ބޭފުޅެއްކަން ރައީސް ޔާމިން ސާބިތުކޮށްދެއްވާފައިވާކަމަށެވެ. އަދި ރައީސް ޔާމީނަކީ ވަރަށް ވިޝަނަރީ ލީޑަރެއްކަމަށާއި، 2018 ގައި ރައީސް ޔާމީނު ނޫން އެހެން ބޭފުޅަކަށް ތާޢިދުކުރައްވަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަޒްލީން ވިދާޅުވީ، ކޮންމެ ދިމާއަކުންވެސް އަދުގެ ސަރުކާރުން ކާމިޔާބީ ހާޞިލުކުރައްވަމުން ގެންދަވާއިރު، ފެނިވަޑައިނުގަންނަވަނީ، ޒިންމާދާރު އިދިކޮޅު ފަރާތްތައްކަމަށާއި، ސިޔާސީ ދާއިރާގައި ކާމިޔާބު ލީޑަރަކަށް ވުމަށްޓަކައި ރައީސް ޔާމީންގެ އަރިހުގައި މަސައްކަތްކޮށް ކަންކަން ދަސްކުރެއްވުން ބުއްދިވެރިކަމަށެވެ.

ތިން އަހަރުގެ ތެރޭގައި އަދުގެ ސަރުކާރުގެ މަސައްކަތް ދިވެހި ރައްޔިތުން ފުރިހަމައަށް ބަލައިގެންފައިވާ ދަނޑިވަޅެއްގައި އެކަމާމެދު ސުވާލު އުފައްދާ ބަޔަކު އެކަން ކުރައްވަނީ، ފެންނަންހުރި ޙަޤީޤާތާއި ޙިލާފަށް، އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްނޫންކަމަށްވެސް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވިއެވެ.