ކުޅިވަރު

ސްކައި ސްޕޯޓްސް ހަރަކާތުގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


ރާއްޖޭގައި ސްކައި ސްޕޯޓްސް ތަޢާރަފްކޮށް އެ ކުޅިވަރު ތަރައްޤީ ކުރުމަށް މަސައްކަތްކުރަމުންދާ ޖަމްޢިއްޔާއެއް ކަމަށްވާ ސްކައި ސްޕޯޓްސް މޯލްޑިވްސްއިން އެ އެސޯސިއޭޝަން ރަސްމީކޮށް ތަޢާރަފްކުރުމަށް ކުރިއަށްގެންދާ އިވެންޓްގެ ޕާޓްނަރުންނާއިއެކު މިވަނީ ސޮއިކޮށްފައެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެނިގެންދާ ޕެރެގްލައިޑިންގެ ޚާއްސަ ޙަރަކާތްތަކެއް އަންނަ ހޮނިހިރު ދުވަހު ރަސްފަންނު ސަރަޙައްދުގައި އޮންނަ އިވެންޓްގައި ފެނިގެންދާނެއެވެ. 

މި ޙަރަކާތުގެ އޮފިޝަލް މީޑިޔާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ ޕީ.އެސް.އެމްއެވެ. އިވެންޓްގެ އެފިލިއޭޓެޑް ޕާޓްނަރަކީ ސްކައި ގާއިސް، މެއިން ސްޕޮންސަގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެޕީ މާކެޓް، ޕްރިމިއަމް ސްޕޮންސަރއަކީ ބީހައިވް ހޮޓެލް، ޓްރެވަލް ޕާޓްނަރަކީ ޓަރކިޝް އެއާރލައިންސް، އޮންލައިން މީޑިޔާ ޕާޓްނަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން މީޑީއާ، އެކޮމޮޑޭޝަން ޕާޓްނަރަކީ އެއަރޕޯޓް ބީޗް، ސައުންޑް އެންޑް ލައިޓްސް ޕާޓްނަރގެ ގޮތުގައި ކަނޑައަޅާފައިވަނީ ސްޓޭޖް ކޯ، ސޯޝަލް މީޑިޔާ ޕާޓްނަރަކީ ޒޯ-އާޓްސް، ފޮޓޯ އެންޑް ވިޑިއޯގްރަފީ ޕާޓްނަރގެ ގޮތުގައި ކަނޑައަޅާފައިވަނީ ޕޯޓްރެއިޓް އަލްބަމްގެ އިތުރުން ކޭޓަރިންގ ޕާޓްނަރގެ ގޮތުގައި ހަމައްޖައްސާފައިވަނީ އެފެސް ކޭކްސްއެވެ. މީގެ އިތުރުން، މި ޙަރަކާތުގެ ޕްރައިޒް ޕާޓްނަރގެ ގޮތުގައި ކަނޑައަޅާފައިވަނީ ލޮޓަސްއެވެ.  

img:http://s1.psmnews.mv/images/660x400/14798063605565.jpg|ސްކައި ސްޕޯޓްސް ހަރަކާތުގެ ޕާޓްނަރުން ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މި އިވެންޓާއި ގުޅޭގޮތުން މަޢުލޫމާތުދެމުން އެސޯސިއޭޝަން އޮފް ސްކައި ސްޕޯޓްސް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް ދުމްޔާ އަޙްމަދު ވިދާޅުވީ، އެސޯސިއޭޝަން އިފްތިތާޙު ކުރުމުގެ އިވެންޓުގައި ޕެރަގްލައިޑިންގ ގެ ކުޅިވަރު އާންމުންނާ ހަމައަށް ގެނެސްދެވޭނެކަމަށާއި، ވިލިނގިލި ބީޗުން 4 ޕެރަގްލައިޑަރުން ޕެރަގްލައިޑް ކޮށްފައި ރަސްފަންނު ބީޗަށް ތިރިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

ޕާޓްނަރުންގެ އިތުރުން، މި އިވެންޓް ކުރިއަށް މި ގެންދެވެނީ ސިވިލް އޭވީއޭޝަން އޮތޯރިޓީއާއި، ޔޫތް މިނިސްޓްރީއާއި، ޓުއަރިޒަމް މިނިސްޓްރީގެ އިތުރުން ހައުސިން މިނިސްޓްރީގެ ބޮޑު އެހީތެރިކަމަކާއިއެކުކަން ދުމްޔާ ފަހަގަކުރެއްވިއެވެ. ބައިނަލްއަގްވާމީ ހަތަރު ޕެރެގްލައިޑަރުންގެ ހުނަރުތައް ފެނިގެންދާ އިވެންޓްގެ ސަލާމަތީ ކަންތައްތަކުގައިވެސް ބޭރުގެ ތަޖުރިބާކާރުންގެ އެހީ ލިބިފައިވާ ކަމަށާއި، މިހާރުވެސް ސޯޝަލް މީޑިޔާގައި ބޮޑު ތަރުޚީބެއް މިކަމަށް ލިބެމުންދާ ކަމަށް ދުމްޔާ ވިދާޅުވިއެވެ.

އެސޯސިއޭޝަން އޮފް ސްކައި ސްޕޯޓްސްއަކީ މުސްތަޤްބަލުގައި ސްކައި ސްޕޯރޓްސް ތަރައްޤީކޮށް ޒުވާނުންނަށް މި ކުޅިވަރުތަކުގެ ތަމްރީނުދީ ދިވެހިންގެ ތެރޭގައި މިކުޅިވަރުތަކަށް އަހުލުވެރި ކުރުވުމަށް މަސައްކަތް ކުރާނެ ޖަމްޢިއްޔާއެއް ކަމަށް އެ ފަރާތުން މަޢުލޫމާތުދެއެވެ. އަދި މި ކުޅިވަރު ދިވެހިރާއްޖެއަށް ގެނެސްދިނުމަށްޓަކައި ސްކައި ގާއިސް އަދި އެސޯސިއޭޝަނުން ވަނީ މިހާތަނަށް ގިނަ ގޮންޖެހުންތަކާއިއެކު ނުހަނު ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ. ހަމަ އެހެންމެ ކުރިއަށް އޮތް ތަނުގައި ތަފާތު ޕްރޮގްރާމްތަކާއި އިވެންޓުތައް ބާއްވަން ރާވާފައިވާ ކަމަށްވެސް އެ ޖަމްޢިއްޔާއިން މަޢުލޫމާތުދެއެވެ.