ޚަބަރު

ޗައިނާ ބެލްޓް އެންޑް ރޯޑުން ރާއްޖެއަށް ފައިދާވާނެ- އިރުތިޝާމް


ޗައިނާ ބެލްޓް އެންޑް ރޯޑްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އުއްމީދުވެސް ނުކުރާވަރުގެ ބޮޑު ކުރިއެރުންތަކެއް އަންނާނެކަމަށް ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ އިރުތިޝާމް މިހެން ވިދާޅުވީ ޗައިނާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓް އަށް އަހުލުވެރިކުރުވުމަށް ބޭއްވި ފުރަތަމަ ބައްދަލުވުން ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ބަނޑޮސް އައިލެންޑް ރިސޯޓްގައި ކުރިއަށްދިޔަ މި ބައްދަލުވުމަކީ ޗައިނާގެ ރައީސް ޝިޖިންގ ޕިންގ ގެ އިސްނެންގެވުމުގެ ދަށުން ކެރިއަށް ގެންދެވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔޫތް މިނިސްޓަރ ވިދާޅުވީ ޗައިނާ ބެލްޓް އެންޑް ރޯޑްގެ ސަބަބުން އޭޝިއާގެ ދެ ފަރާތުންނާއި އެފްރިކާ އަދި އޯޝިއޭނިއާ، ރާއްޖެ ބިމާއި ކަނޑުގެ މަގުން ގުޅުވައިދޭނެ ކަމަށެވެ. އޭގެ ސަބަބުން މި ރީޖަން އާއި އެހެން ރީޖަންތަކަށް ބޮޑު ވިޔަފާރީގެ މާކެޓެއް ހުޅުވިގެންދާނެ ކަމަށާއި އަދި ޕާޓްނަރު ގައުމުތަކާއިއެކު އިންފްރާސްޓަކްޗާ އަދި އިންވެސްޓްމަންޓުތަކާއި އިޖްތިމާއީ އަދި އިގްތިސޯދީ ގުޅުންތައް ވަރުގަދަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދު މީގެން ދުވަހަކު ކުރިނާރާ މިންވަރަށް ކުރިއަރައިގެންދާނެކަމަށް ވިދާޅުވިއެވެ. 

އެއްދުވަހުގެ މުއްދަތައް ކުރިއަށް ގެންދެވި މިބައްދަލުވުމުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ފުކާންގ ވިދާޅުވީ ދެގައުމުގެ ގުޅުން ކުރިއަށް އޮތްތާގައި ބަދަހިވެގެންދާނެ ގިނަ ބިޔަ ބޮޑެތި ޕްރޮޖެކްޓްތަކެއް މިހާރު ރާއްޖޭގައި ކުރިއަށް އެބަދާކަމުގައެވެ. އެގޮތުން އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއަކީ ދެގައުމުގެ ގުޅުން ދައްކުވައިދޭ ވަރުގަދަ ހެއްކެއްކަމަށް ވިދާޅުވިއެވެ. އަދި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއެކު ރާއްޖެއާއި ޗައިނާގެ އިގްތިސާދީ ގުޅުންތައް ވަރުގަދަވެފައިވާ މިންވަރު ހާމަވެފައިވާކަމަށް ވިދާޅުވިއެވެ. މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ އެކި މަޝްރޫއުތަކާއި ބެހޭ މައުލޫމާތުވަނީ ދީފައެވެ. މި ބައްދަލުވުމުގައި މިކަންކަމާއި ގުޅުން ހުރި އެކި މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ.