ރިޕޯޓް

އިންވެސްޓަރުންނަށް ރާއްޖޭގައި އޮތީ ކޮން ފުރުޞަތެއް!


ރާއްޖެއިން އިސްނަންގަވައިގެން، ދުނިޔޭގެ ބޮޑަތި ޤައުމުތަކާއި، ވިޔަފާރިވެރިންނަށް ދައުވަތު ދެއްވައިގެން ސިލްސިލާ އިންވެސްޓްމަންޓް ފޯރަމްތައް ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ބާއްވާއިރު އުފެދޭ އެންމެ ބޮޑު ސުވާލަކީ މިކުޑަކުޑަ ޤައުމުގައި އެވަރުގެ އިންވެސްޓްމަންޓް ފުރުޞަތުތަކެއް އެބަހުރިތޯއެވެ؟ އަހަރަކު އެއްފަހަރު ބޮޑު ޚަރަދުކޮށް ފޯރަމްތައް މިބާއްވަނީ އިންވެސްޓްމަންޓްގެ ކޮން ފުރުޞަތެއް ރާއްޖޭގައި އޮވެގެންތޯއެވެ؟ ރާއްޖޭގައި ޓޫރިޒަމް ނޫން ދާއިރާއެއްގައި އިންވެސްޓްކުރުމުގެ އޮތީ ކޮން ފުރުޞަތެއްތޯއެވެ؟ ތިންވަނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާއިރުވެސް މިސުވާލުތައް އުފެދެއެވެ. އަދި އުފައްދައެވެ.

ނަމަވެސް ހަޤީޤަތަކީ މިސުވާލުގެ ޖަވާބު ފަސޭހަވެފައި، އިތުބާރާއި ޔަޤީންކަމާއެކު ޖަވާބުދެއްވުމުގެ ފުރުޞަތު އޮތުމެވެ. މިފަދަ ބޮޑަތި ފޯރަމްތައް ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ފެއްޓެވީ އިންވެސްޓްމަންޓްތައް ހޯދައި، ރާއްޖޭގެ އިޤްތިޞާދު ދެގުނަކުރެއްވުމުގެ އަޒުމާއި އުއްމީދުގައިކަމެވެ. އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވާ ވާހަކައަކީ މިއީއެވެ.

"ރާއްޖޭގައި ރިއަލްސްޓޭޓް ދާއިރާގައި ހަމަ ބޮޑަތި ފުރުޞަތުތަކެއް އެބަހުރި. ޕޯރޓްސް، ކޮމާޝަލް، ލޮޖިސްޓިކްސް، ވެއަރހައުސްއިން ސްޓޯރޭޖް، ރާއްޖެ ބޭނުންކޮށްގެން ޓްރާންސްޝިޕް ކުރުމުގެ ފުރުޞަތުތައް، ހަމަ އެބަހުރި ހުޅުވިފަ. ރާއްޖޭގައި މެރިކަލްޗަރ، އެކުއަރކަލްޗަރގެ އިންވެސްޓްކުރުމުގެ ފުރުޞަތުތައް ހަމަ ފިޝަރީޒް މިނިސްޓްރީންވެސް ވަރަށްބޮޑަށް ބާރުއަޅުއްވާކަމެއް އެއީ" ނިއުދިއްލީގައި ހުންނަވައި އިކޮނޮމިކް މިނިސްޓަރ ޖަވާބުދެއްވިއެވެ.

img:http://s2.psmnews.mv/images/660x400/6842.jpg|އިކޮނޮމިކް މިނިސްޓަރ ސައީދު / ފޮޓޯ: ރައީސް އޮފީސް

މިފަދަ ފޯރަމްތަކުގެ އެންމެ މުޙިއްމު އެއްބޭނުމަކީ ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާނުވެ، އެހެން ދާއިރާތަކުގެ އިންވެސްޓްމަންޓްތައް ރާއްޖެ ގެނެސް އިޤްޠިޞާދު އިތުރަށް ވަރުގަދަކުރުމެވެ. ބޮލަކަށް ޖެހޭނ ނިސްބަތް ޑަބަލްކޮށް، ތަރައްޤީއަށް ފަހި ފުރުޞަތުތައް ހުޅުވާލައި، މަގުތައް ފުޅާކުރުމެވެ. މިއިން ކޮންމެ ދާއިރާއަކީވެސް ރާއްޖޭގައި އިންވެސްޓްކޮށް، ނަފާ ހޯދޭނެ އަދި ނަފާ ލިބޭނެ ދާއިރާތައްކަން ސަރުކާރުން ޤަބޫލުކުރައްވައެވެ.

މީގެއިތުރުން ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅުންހުރި އެހެން ދާއިރާތަކުން އިންވެސްޓްކުރުމުގެ ފުރުޞަތުވެސް އެބައޮތެވެ. އަދި ރާއްޖެއަށް މުޅިން އައު ދާއިރާތަކުން އިންވެސްޓްކުރުމުގެ ފުރުޞަތުވެސް އިންވެސްޓަރުންނަށް ވަނީ ހުޅުވާލައްވާފައެވެ.

"ރާއްޖޭގައި މުޅިން ހަމަ އައު ސެގްމަންޓެއް އަޅުގަނޑުމެން މިކިޔާ މައިސް ޓޫރިޒަމްއަކީ. މީޓިންގ އިން ކޮންފަރެންސް ކޮންވެންޝަން ކަހަލަ އެއްޗިއްސަށް ދުނިޔޭގަ ވަރަށް ބޮޑަށް ކުރިއަރައިގެން އަންނަ މާކެޓެއް މާކެޓަކީ. އެހެންވީމަ ވަރަށް ބޮޑަށް ފުރުޞަތު އޮތްކަމެއް ރާއްޖޭގަ އޭތި ކެޕިޓަލައިޒްކޮށްފިއްޔާ. ހަމައެގޮތަށް ނޯޓިކަލް ޓުއަރިޒަމްއަކީވެސް މުޅިން އާ ސެގްމަންޓެއް ރާއްޖޭގައި" ޓޫރިޒަމް ސެކްޓަރގެ ތެރެއިން ދިވެހި ޒުވާނުން ޝައުޤުވެރިކަން ހުރި މިފަދަ އައު ފުރުޞަތުތައް އިންވެސްޓަރުންނަށް ހުރިކަން މިހާރު ކުރިއަށްދާ އިންވެސްޓްމަންޓް ފޯރަމްގައިވެސް ވިޔަފާރިވެރިންނަށް ބުނެދޭނެކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14730807030012.jpg|ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޑިޒައިންގައި ހިމެނޭ ޔޮޓް މެރީނާއާއި ކްރޫޒް ޓަރމިނަލްގެ ކުރެހުން / ފޮޓޯ: އެޗްޑީސީ

" ދުނިޔޭގަ، ޚާއްޞަކޮށް އޭޝިޔާގަ ކްރޫޒް އިންޑަސްޓްރީޒް ވަރަށްބޮޑަށް ބޮޑުވެގެން އެބައާދޭ. އެހެންވީމަ ކްރޫޒް ޓަރމިނަލްތަކާއި، ހަމަ އިންޓަރނޭޝަނަލް އެއަޕޯރޓްސް އެއަޕޯރޓްސްގެ ސިފައިގައި، އިންޓަރނޭޝަނަލް ކްރޫޒް ޓަރމިނަލްތައްވެސް މިހުންނަނީ. ކްރޫޒް ޓަރމިނަލްއެއް ނެތް. ތަފާތަކީ ރަންވޭއެއް ނޯންނާނެކަން. ސީ ލޭންއެއް މިއޮންނަނީ. ރާއްޖެއަކީ އޯޕަން ސީއެއް. އަނެއްކާ ވަރަށް ނެޗްރަލް ޑެޕްތެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ލިބޭ. ދެން ރާއްޖޭގެ އިންވެސްޓްމަންޓްތަކަށް އޭޝިޔާގެ އެންމެ ރަނގަޅު ރޭޓް އެންމެ އަވަހަށް ރިކަވާވާގޮތަށް އެބަ ލިބޭ. އެކަން ހަމަ ޞަރަހައްދީ ހޯދުންތަކުންނާއި، އަދި ބައިނަލްއަޤްވާމީ ހޯދުންތަކުން އެބަދައްކާ." އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުގެ ސުވާލަކީ މިފަދަ ފުރުޞަތުތައް ހުރިކަން ހާމަނުކޮށް، މިފަދަ އިންވެސްޓްމަންޓްތައް ގެންނަން މަސައްކަތް ނުކޮށް ތިބުމުގެ ބޭނުމަކީ ކޮބައިތޯއެވެ.

ބައެއްކަހަލަ އިންވެސްޓްމަންޓްތައް ރާއްޖެ ގެނެސް އޭގެ އެޑްވާންޓޭޖް ނެގުމުގެ ފަހި ފުރުޞަތުތައް އޮތްކަމަށްވެސް ވަޒީރު ޤަބޫލުކުރައްވައެވެ. ރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ ފައިދާ ނަގައިގެން އިންވެސްޓްމަންޓްތައް ފުޅާކޮށް، ދުނިޔޭގެ ކުޅިވަރު އެތްލީޓުން ރާއްޖެ ގެނެވޭ މިންވަރު އިތުރުނުކުރެވެންވީ ކީއްވެތޯއެވެ.؟

img:http://s1.psmnews.mv/images/660x400/14779995441175.jpg|އައި-ހަވަންގެ ޑިޒައިނެއް / އައި- ހަވަންގައިވެސް އިންވެސްޓްކުރުމަށް ގިނަ ފުރުޞަތުތަކެއް އެބަހުރި

މެޑިކަލް ޓުއަރިޒަމް ތަޢާރަފްކޮށް، ބައިނަލްއަޤްވާމީ އިންޝުއަރެންސް ކުންފުނިތަކުން ޤަބޫލުކުރާވަރުގެ ޚިދުމަތްތަކެއް ދެވޭނަމަ ކުޅިވަރު އެތްލީޓުންގެ ބްރޭކްގައި ރާއްޖެ ގެނަން ފުރުޞަތު ލިބިގެންދެއެވެ. ކުޅުންތެރިން މެންޓަލީ އަދި ފިޒިކަލީ ރިހިބިލިޓޭޓް ވާން ޖެހޭ ހާލަތުގައި އެފުރުޞަތު ރާއްޖެއިން ލިބޭނަމަ، އަދި އެދެވޭ ޚިދުމަތް ކްލަބްތަކާއި ކުޅުންތެރިން ޤަބޫލުކުރާނަމަ ރާއްޖެއަށް އޮތް އެޑްވާންޓޭޖްތައް ގިނައެވެ.  

"މިސާލަކަށް ރާއްޖޭގަ ހުރީ ވަރލްޑްކްލާސް އިންސުއަރެންސް ފާމަކުން ރެޖިސްޓަރޓް ކްލިނކެއް. ނުވަތަ ހޮސްޕިޓަލެއް ކޮންމެސްވަރެއްގެ. ފިޒިއޮތެރަޕީ އިނގޭތޯ. ކްލަބެއް ޤަބޫލުކުރާ ފެންވަރު ހުރިކަމަށްވަންޏާ އެމީހަކު އަންނާނެ އިނގޭތޯ އެ އިންޝުއަރެންސް އިންޑޯޒްކުރާ ތަނަކަށް. އަންނައިރު ރާއްޖެއިން ލިބޭ އެޑްވާންޓޭޖަކީ ކޮބައިތޯ؟ ފެމިލީ ގެނައުމުގެ ފުރުޞަތު އެބަލިބޭ. ފެމިލީއަށް ހަމަ ބީޗްގައިވެސް އުޅެވޭނެ ނޫންތޯ؟ ފެމިލީއަށް ހަމަ ފިޝިންގއަށްވެސް ދެވޭނެ ނޫންތޯ! ޖުމްލަކޮށް ރާއްޖެއަށް މިއެޑްވާންޓޭޖް ނަގައިފިކަމަށް ވަންޏާ އަޅުގަނޑަކަށް ހިޔެއްނުވޭ ދުނިޔޭގެ އެހެން ޤައުމެއްގައި، ޚާއްޞަކޮށް ޖަޒީރާ ޤައުމެއްގއި މިފުރުޞަތު އޮތް ހެނެއް ރާއްޖެ ފިޔަވައި" ކުޅިވަރާއި ޓޫރިޒަމްގެ ތެރެއިން މިސާލު ނަންގަވަމުން މިނިސްޓަރ ވިދާޅުވިއެވެ.

މިފަދަ އިންވެސްޓްމަންޓްތަކަކީ އެއިންވެސްޓަރުންނަށް އެކަނި އޮތް ފައިދާއެއްނޫނެވެ. އެކަމުގެ ފައިދާ ޖުމްލަގޮތެއްގައި މުޅި ޤައުމަށް، ޤައުމުގެ ހުރިހާ ރައްޔިތުންނަށް ކުރެއެވެ. ސަރުކާރުގެ މެނިފެސްޓޯގެ ވަރަށްގިނަ ކަންތަތްތަކެއްވެސް އޭގެތެރެއިން ހާޞިލްވެ، ވަކިވަކި ފަރުދުންނަށްވެސް ހިތްހަމަޖެހުން ލިއްބައިދެއެވެ. ވަޒީފާގެ ފުރުޞަތުތައް ހުޅުވި، ޒުވާނުން ޝައުޤުވެރިވާ ދާއިރާތަކުގައި މަސައްކަތްކުރުމުގެ ފުރުޞަތުތައް ތަނަވަސްވެއެވެ. ކުދި ވިޔަފާރިތަކަށް މަންފާކުރެއެވެ. ވިޔަފާރިވެރިންގެ ވިޔަފާރިތަކުގެ ވޮލިއުމް ބޮޑުވެ، ރާއްޖޭގެ އިޤްތިޞާދުގައި ދައުރުވާ ފައިސާގިނަވެ، ވަކިވަކި ފަރުދުންގެ ޖީބުތަކަށްވެސް ހިތްހަމަޖެހުން ލިބެއެވެ. ޤައުމުގެ ތަރައްޤީގެ މަޝްރޫއުތައް ހިންގަން އޮތް ބަޖެޓް މުއްސަނދިވެއެވެ.

img:http://s3.psmnews.mv/images/660x400/8367.jpg|ރާއްޖޭގެ ރިސޯޓެއް /

" ދެން ޕޯޓެއް އައި މިސާލަކަށް. ޕޯޓެއްގެ ސްޓޯރޭޖް ފެސިލިޓީޒް ނޫނީ ހައުސިންގ ސެކްޓަރގައި އިންވެސްޓްކުރަން ބަޔަކު އައީ. ނޫނީ ޓުއަރިޒަމްއަށް އިންވެސްޓްކުރަން ބަޔަކު އައީ،" މިފަދަ ކޮންމެ އިންވެސްޓްމަންޓަކުން ލިބިގެންދާ ހިތްހަމަޖެހުމާއި، ހުޅިވިގެންދާ ފުރުޞަތުތަކަކީ ބަޔާންކުރެވިގެން އެދިޔައީއެވެ.

" ރާއްޖޭގަ އިންވެސްޓްކުރީމަ ލިބޭ ފައިދާއާއި މަންފާ އެބައޮތްކަން، ރާއްޖޭގައި އެބައޮތްކަން އިންވެސްޓްމަންޓްތަކަށް ރަނގަޅު އެންވަޔަރަމަންޓެއް. ރާއްޖޭގައި ޓުއަރިޒަމް ސެކްޓަރއާއި ގުޅުންހުރި އެއްވެސް ވިޔަފާރިއެއްގައި، މިސާލަކަށް އިންވެސްޓްކޮށްފިކަމަށްވަންޏާ ހަތް އަހަރު ދުވަސްތެރޭގައި އިންވެސްޓްމަންޓް ރިކަވަވާކަން.މިކަހަލަ އެކި މައުލޫމާތުތައް މިދެވެނީ ދުނިޔޭގެ ވިޔަފާރިވެރިންނަށް. ރާއްޖެ ކިތަންމެ ކުޑަޔަސް ރާއްޖޭގެ ފުރުޞަތުތަކާއި، ބޭރާ ގުޅޫވާލަނީ. " މިހާރު ނިއުދިއްލީގައި ކުރިއަށްދާ ފޯރަމްގައިވެސް ސަރުކާރުން ކުރައްވާ މަސައްކަތްތަކަކީ މިއީކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވިއެވެ.