ޚަބަރު

ރާއްޖެއާއި އިންޑިޔާގެ ނައިބު ރައީސުން ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، އިންޑިޔާގެ ނައިބު ރައީސް އެމް. ހާމިދު އަންސާރީއާ މިރޭ ބައްދަލުކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުން އޮތީ އިންޑިޔާގެ ނިއުދިއްލީގެ ތާޖް ޕެލަސް ހޮޓަލްގައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެގޮތްތަކާމެދު މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ސަރަޙައްދީ ރައްކާތެރިކަމާ ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރިގެ މުޢާމަލާތްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ. މިގޮތުން، ބޭންކިންގ އަދި މާލީ ދާއިރާ ހަރުދަނާކުރުމުގެ މުހިންމުކަން ދެބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14797965574667.jpg|ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އިންޑިޔާގެ ނައިބު ރައީސްއާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ތިންވަނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ނޮވެންބަރު މަހުގެ 22 ވަނަ ދުވަހު، ނިއުދިއްލީގައި ހުންނަ ތާޖް ޕެލެސް ހޮޓެލްގައެވެ.