ތިމާވެށި

ލ އަތޮޅުގެ 11 ސްކޫލެއްގައި ސޯލާ ޕެނަލް ހަރުކޮށްފި


ލ އަތޮޅުގެ 11 ސްކޫލެއްގައި ސޯލާ ޕެނަލް ހަރުކުރައްވާ ނިންމަވައިފިއެވެ. މިކަން ފާހަގަ ކުރެއްވުމުގެ ގޮތުން ލ. މާވަށް ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި މި މި ސޯލާ ޕެނަލްތައް ބޭނުންކޮށްގެން ކަރަންޓު ފޯރުކޮށްދިނުމުގެ ޚިދުމަތް ފަށްޓަވައިދެއްވީ ޔޫ.އެން ރެޒިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާ އަދި ލ. އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް އާމިރުއެވެ. މި ސޯލާ ޕެނަލްތައް އިންސްޓޯލް ކޮށް ބޭނުން ކުރަން ފެށުމުން މިހާރު ކަރަންޓަށް ކުރެވެމުންދާ ޚަރަދު ކުޑަވެގެންދާނެކަމަށް ޔޫ.އެން.ޑީޕީ މަޢުލޫމާތުދެއެވެ. ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން ޔޫއެންޑީޕީގެ ލެކްރެޑް ޕްރޮގްރާމްގެ ޕްރޮޖެކްޓް އޮފިޝަރ އަދި ސޯލަރ ޕެނަލް ޕްރޮޖެކްޓްގެ ކޯޑިނޭޓަރ ޢާއިޝަތު ނަތާޝާ ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ހުރިހާ ސްކޫލެއްގައި ބޭނުންކުރާ ކަރަންޓުގެ 30 އިންސައްތަ، އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން އުފެއްދޭނެ ކަމަށެވެ. އަދި، މި 11 ސްކޫލްގެ ތެރެއިން 3 ސްކޫލް ފިޔަވައި ހުރިހާ ސްކޫލެއްގައި މިހާރު ކަރަންޓު ފޯރުކޮށްދިނުމަށް ހިނގާ ހޭދަ ކެނޑިގެންދާނެ ކަމަށް ނަތާޝާ ވިދާޅުވިއެވެ.

މި ރަސްމިޔާތުގައި ވާހަދައްކަވަމުން ޔޫ.އެން ރެޒިޑެންޓް ކޯޑިނޭޓަރ އަދި ޔޫ.އެން.ޑީ.ޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޝޯކޯ ނޯޑާ ވިދާޅުވީ ލ. އަތޮޅުގައި ކުރިޔަށް ގެންދިޔަ މި މަޝްރޫޢުގެ ދަށުން ކަރަންޓަށް މިހާރު ކުރަމުން ދާ ޙަރަދު އެތައް ގުނައެއް ލުއިވެގެންދާނެ ކަމަށެވެ. އަދި، ސްކޫލްތަކުގެ އިތުރުން އާންމުން ދިރިއުޅޭ ޢިމާރާތްތަކުގައި ވެސް ސޯލާ ޕެނަލް ހަރުކުރުމުން ލިބެމުންދާނެ ފަސޭހަތަކާއި ގުޅޭ ގޮތުން ވާހަކަދެއްކެވިއެވެ. އަދި ލ. އަތޮޅުގައި ތިމާވެއްޓާއި ގުޅޭ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ދާކަން އޭނާ ފާހަގަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14797427603869.jpg|ޔޫ.އެން.ޑީ.ޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޝޯކޯ ނޯޑާ ވާހަކަފުޅުދައްކަވަނީ

މާވަށު ކައުންސިލްގެ ރައީސް މޫސާ ފައިސަލް ވިދާޅުވީ ސޯލާ ޕެނަލް ހަރުކުރުމަކީ ލ. އަތޮޅަށް ގެނެވުނު އިންޤިލާބީ ބަދަލެއް ކަމަށެވެ. އަދި، މިއީ ރާއްޖޭގެ ނިސްބަތުން ވެސް ނުލިބޭ ފުރުޞަތެއްކަން ފައިސަލް ފާހަގަކުރެއްވިއެވެ.

ލ. އަތޮޅުގައި ކުރިޔަށްގެންދެވި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތަކީ ޔޫއެންޑީޕީ އިސްނަގައިގެން ކަރަންޓް ޙަރަދު ކުޑަކުރެ ވޭނެ ގޮތްތައް ޕްރޮމޯޓް ކުރުމުގެ ގޮތުން ހިންގި ޕައިލެޓް ޕްރޮގްރާމެއް ކަމަށް ޔޫ.އެން.ޑީ.ޕީއިން މަޢުލޫމާތުދެއެވެ. ލ. އަތޮޅުގައި ކުރިއަށްގެންދާ ލެކްރެޑް ޕްރޮގްރާމް ނުވަތަ ލޯ އެމިޝަން ކްލައިމެޓް ރެސިލިއެންޓް ޑިވެލޮޕްމެންޓް ޕްރޮގްރާމަކީ ޑެންމާކް ސަރުކާރު ގެ އެހީގައި ދިވެހި ސަރުކާރާ ޔޫ.އެންގެ 7 އެޖެންސީއެއް ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.