ދީން

"ޚިޔާލު ތަފާތުވިޔަސް، އެއްބައިވަންތަ މާޙައުލެއް ޤާއިމްކުރަންޖެހޭ"


މުޖުތަމަޢުތަކުގައި ހުރި މައްސަލަތައް ޙައްލުކުރުމަށާއި ތަފާތު ޚިޔާލުތަކާއެކުވެސް އެއްބައިވަންތަ މާޙައުލެއް ޤާއިމްކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިންޓަރނޭޝަނަލް އިސްލާމިކް ކޮންފަރެންސުން ނިންމައިފިއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އިންތިޒާމްކުރެއްވި ''އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އެވޭކެނިންގ: ޓުވާރޑްސް ޑައިވަރސް ބަޓް ޔުނިފައިޑް ސޮސައިޓީ'' ބޭއްވެވީ މިދިޔަ ހޮނިހިރުދުވަހާއި އާދީއްތަ ދުވަހު އިސްލާމިކް ޔުނިވަރސިޓީގައެވެ. 

img:http://s3.psmnews.mv/images/660x400/14797396102870.jpg|އިންޓަނޭޝަނަލް އިސްލާމިކް ކޮންފަރެންސްގެ ތެރެއިން

މި ކޮންފަރެންސްގައި އެކި ޤައުމުތަކުން 240 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އިސްލާމީ ޔުނިވަރސީގެ ސެންޓަރ ފޮރ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، މި ކޮންފަރެންސްގައި ޖުމްލަ 40 ކަރުދާސް ހުށައަޅުއްވައި މަޝްވަރާ ކުރައްވާފައިވާކަމަށެވެ. މި ކޮންފަރެންސްގައި "މާލޭ ޑިކްލަރޭޝަން" ގެ ނަމުގައި އެކުލަވާލެއްވި އެއްބަސްވުމުގައި، ޚިޔާލު ތަފާތުވުންތަކާ އެކުވެސް ޞުލްޙަވެރި މުޖުތަމަޢެއް ޤާއިމްކުރެއްވުމަށާއި، އިސްލާމްދީނަކީ އަނިޔާވެރިކަމާއި އިންސާނިއްޔަތާ ޚިލާފް ޢަމަލުތަކަށް ހިތްވަރުދޭ ދީނެއް ނޫންކަމުގެ ޙަޤީޤަތް ބަޔާންކޮށްދެއްވުމަށާއި، ގެވެށި އަނިޔާފަދަ މައްސަލަތަކާ ދެކޮޅަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14797396392571.jpg|އިންޓަނޭޝަނަލް އިސްލާމިކް ކޮންފަރެންސްގެ ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާ ވާހަކަފުޅުދައްކަވަނީ

މި ކޮންފަރެންސަކީ، ތަފާތު ވިސްނުންތަކާ އެކުގައި، އެއްބައިވަންތަ މުޖުތުމަޢެއް ބިނާކުރުމާ ގުޅޭގޮތުން ޢިލްމުވެރިންނާއި، ފަންނީ ބޭފުޅުންގެ މެދުގައި މަޝްވަރާކުރައްވައި، ޚިޔާލު ބަދަލުކުރައްވައި، އެފަދަ ޕްލެޓްފޯމެއް މަގުހަފިކޮށްދެއްވުމުގެ ގޮތުން ބޭއްވެވި ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި އިސްލާމީ ޤައުމުތަކާއި އިސްލާމީ ނޫން ބައެއް ޤައުމުތަކުގެ މުފައްކިރުންނާއި ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މަންދޫބުން ބައިވެރިވެވަޑައިގެންނެވި ތެރޭގައި ސަޢޫދީ ޢަރަބިއްޔާ، ޤަތަރު، ބުރުނާއީ، ޕާކިސްތާން އަދި އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ޤައުމުތައް ހިމެނެއެވެ.