ޚަބަރު

ތަރައްޤީގެ ދުވެލިން ރައީސް ޔާމީންގެ ދުރުވިސްނޭ ތަޞައްވަރު ހާމަވޭ


މިދިޔަ 3 އަހަރުގެ ތެރޭގައި ރާއްޖެއަށް އަންނަމުންމިދާ ހަލުވި ތަރައްޤީ އަކީ ރައީސް ޔާމީންގެ ދުރުވިސްނޭ ތަޞައްވަރު ހާމަވެގެންދާ ލާމަޞީލު ހެއްކެއް ކަމަށް ރައީސް މައުމޫނުގެ ވެރިކަމުގައި ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޙަމްދޫން ޙަމީދު ވިދާޅުވެއްޖެއެވެ. ހުޅުމާލޭގައި ޢިމާރާތްކުރާ ކޭ ޕާކު ރެސިޑެންސް އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޙަމްދޫން ޙަމީދު ވިދާޅުވީ، 1996 ވަނަ އަހަރުން ފެށިގެން ހުޅުމާލެ ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިނަމަވެސް ހުޅުމާލެ ތަރައްޤީ ކުރުމުގެ އެންމެ ހަލުވި ސްޕީޑް އައިސްފައިމިވަނީ މިދިޔަ 3 އަހަރުގެ ތެރޭގައި ކަމުގައެވެ. ރާއްޖޭއަށް މިހާތަނަށް ޢުމްރާނީ ތަރައްޤީ ލިބިފައިނުވާ މިންވަރަށް ރާއްޖެ ތަރައްޤީ ވަމުންދާކަން ފާހަގަކުރައްވަމުން ޙަމްދޫން ވަނީ ދިވެހި ރާއްޖެ ތަރައްޤީ ކުރުމުގެ ފުރުޞަތު ރައީސް ޔާމީނަށް ދެއްވުމަށް ސިޔާސީ ފަރާތްތަކަށް ގޮވާލައްވާފައެވެ. 

"މުޅި ޤައުމު މިއޮތީ ތަރައްޤީއަށް އެދިއެދިއޭ. މުޅި ޤައުމު ދެކެމުންމިދަނީ ޤަބޫލް ކުރިޔަސް ނުކުރިޔަސް ތަރައްޤީގެ އާ މަރުޙަލާއެކޭ. އަޅުގަނޑަކީ ކުރީގެ ސަރުކާރެއްގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރި މީހެއް. ތަރައްޤީގެ މަގުގައި މަސައްކަތް ކުރި މީހެއް. ތަފާތު ޕްލޭންތައް ހަދާ ކަރުދާސްތައް ތައްޔާރުކޮށް އެކި މަރުޙަލާތަކުގައި ބޭބޭފުޅުންނަށް ހުށަހަޅައިގެން އެކަންތަކަށް މަސައްކަތް ކުރި މީހެއް. މިނިސްޓްރީއެއްގައި މަސައްކަތް ކުރި މީހެއް. އަޅުގަނޑުމެންނަށް ބައެއް ބިންގާތައްވެސް އެޅިފަ އެބަހުރި. އެކަމަކު މި ފުރުޞަތުގައި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން ވޭތުވެދިޔަ ތިން އަހަރަކީ ހަމަ އަޅުގަނޑުވެސް ދެކެންބޭނުންވި ހައި ސްޕީޑުގައި ބާރު ދުވެއްޔެއްގެ ތަރައްޤީއެއް." ޙަމްދޫން ޙަމީދު ވިދާޅުވިއެވެ.

ޙަމްދޫން ޙަމީދަކީ، ރާއްޖޭގެ ތަރައްޤީގެ ކަންކަން ރޭއްވެވުމުގައި އަދި އެކަންކަން ތަންފީޒު ކުރެއްވުމުގައި، ރައީސް މައުމޫންގެ ވެރިކަމުގައި ވަރަށް އިސް ފެންވަރެއްގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަދި ތަރައްޤީގެ ދުވެލީގެ ތަފާތު ވަޒަންކުރެއްވުމުގައި ރާއްޖޭގެ މަޢުލޫމާތާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއްވެސްމެއެވެ.