ވިޔަފާރި

އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ޗެކު ކްލިއަރކުރަން ފަށައިފި


ބޭންކުތަކަށް ޖަމާކުރެވޭ ޗެކްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ކުލިއަރކުރައްވަން ފަށްޓަވައިފިއެވެ.

ބޭންކްތަކަށް ޖަމާކުރެވޭ ޗެކްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ކުލިއަރކުރެއްވުން ކުރިން ކުރައްވަމުން ގެންދެވީ މެނުއަލްކޮށް، މޯލްޑިވްސް މަނިޓަރީ އޮތީރިޓީގައެވެ. ބޭންކްގެ ރަސްމީ ކޮންމެ ދުވަހަކު ބޭންކުތަކުގެ ކަމާބެހޭ އޮފިޝަލުން އެމްއެމްއޭއަށް ވަޑައިގެން އެއްތަނެއްގައި ތިއްބަވައިގެން، މެނުއަލްކޮށް ކުރައްވަމުން ގެންދެވި ޗެކް ކްލިއަރެންސްގެ މަސައްކަތް އިލެކްޓްރޯނިކް ނިޒާމަކުން ކުރައްވަން ފެއްޓެވީ މިދިޔަ އަންގާރަ ދުވަހުއެވެ.

މިކަމުގެ އެންމެ ބޮޑުފައިދާއަކީ، ބޭންކްތަކަށް ޖަމާކުރެވޭ ފައިސާގެ ޗެކް ކުލިއަރެންސް ހެދުން އަވަސްކުރެވި، އެ ޗެކްތަކުގެ ފައިސާ ލިބެންވާ ފަރާތްތަކަށް ލިބުން އަވަސްވުމާއި ބޭންކްގެ ނިޒާމްގެ މަސައްކަތްތައް ހަލުއިވެ ވަގުތު ސަލާމަތްކުރުމަށް މަގުފަހިވުމެވެ. ޚާއްޞަކޮށް، އޮޓޮމޭޓެޑް ކްލިއަރިންގ ސިސްޓަމް ތަޢާރަފްވުމުން ޗެކްތައް ކްލިއަރކުރުމުގެ މަސައްކަތްތައް ލުއިވެ، ކަސްޓަމަރުން ބޭންކަށް ޖަމާކުރާ ޗެކްތަކަށް އަވަހަށް ފައިސާ ލިބިގެންދާނެކަން އެމްއެމްއޭގައި އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރނަރ ޑރ. ޢަޒީމާ އާދަމް ފާހަގަކުރެއްވިއެވެ.

img:http://s3.psmnews.mv/images/660x400/9054.jpg|އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް - ފޮޓޯ: އެމްއެމްއޭ

ޑރ. ޢަޒީމާ ވިދާޅުވީ މި ސިސްޓަމް ޤާއިމްކުރުމުގެ ސަބަބުން ރާއްޖޭގެ ކޮންމެ ރަށެއްގައި ހުންނަ ބޭންކެއްގެ ބްރާންޗަކުންވެސް ޗެކް ސްކޭންކުރުމަށްފަހު ކްލިއަރިންގއަށް ހުށަހެޅުމުގެ މަގުފަހިކުރެވިފައިވާކަމަށެވެ. އަދި އެމްއެމްއޭގެ ބޭނުމަކީ މާލެއާ އެއްފަދައިން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ބޭންކިންގ ސިސްޓަމް ހަރަދުނާކުރެއްވުން ކަމަށް އަޒީމާ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14599409261584.JPG|މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ

ދިވެހިރާއްޖޭގެ ބޭންކިންގ އަދި ޕޭމަންޓް ސިސްޓަމް ތަރައްޤީކުރައްވައި ހަރުދަނާކުރެއްވުމަށް އެމްއެމްއޭއިން މުހިންމު ފިޔަވަޅުތަކެއް ކުރިންވެސް ވަނީ އަޅުއްވާފައެވެ. މިގޮތުން 2011 ވަނަ އަހަރު މޯލްޑިވްސް ރިއަލްޓައިމް ގްރޮސް ސެޓްލްމަންޓް ސިސްޓަމް، އެމްއާރްޖީއެސް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ޤާއިމްކުރައްވާފައެވެ. އަދި 2012 ވަނަ އަހަރުގެ ތެރޭގައި އޮޓޮމޭޓެޑް ކްލިއަރިންގ ހައުސްގެ ފުރަތަމަ ބައިކަމުގައިވާ ޑައިރެކްޓް ކްރެޑިޓްސް އެމްއެމްއޭއިން ޤާއިމްކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

މިކަންކަމަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޭނުންކުރަމުން އަންނަ ފަދަ ރައްކާތެރި އަދި ޒަމާނީ ސިސްޓަމްތައް ރާއްޖޭގައި ޤާއިމްކުރެއްވުމެވެ.