ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ދެއްވަމުން އަންނަ "ވިޔަވަތި އެވޯޑް" 70 ފަރާތަކަށް ދެއްވައިފިއެވެ. އެކަމަށްޓަކައި ށ. ފުނަދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއެވެ.
ށ.އަތޮޅު ކައުންސިލުން ދެއްވާ "ވިޔަވަތި" އެވޯޑަކީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތަކަށް ހިތްވަރު ދެއްވުމަށާއި، އަގުވަޒަންކުރެއްވުމަށާއި، ޝަރަފްއެރުއްވުމުގެ މަޤްޞަދުގައި ދެއްވަވަމުން ގެންދަވާ އެވޯޑެކެވެ. އެގޮތުން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ށ. އަތޮޅު ކައުންސިލުން އަންނަނީ މި އެވޯޑު ދެމުންނެވެ. މިއަހަރުގެ އެވޯޑު ދެއްވުމުގެ ރަސްމިއްޔާތުގައި 3 ދާއިރާއަކުން 70 ފަރާތަކަށް މި އެވޯޑް ދެއްވާފައިވެއެވެ.
މީގެ ތެރޭގައި ށ.އަތޮޅު މަދަރުސާތަކުގައި ކިޔަވަމުންދާ ކުދިންގެ ތެރެއިން ފާހަގަކޮށްލެވޭ ދަރިވަރުންނާއި، މުދައްރިސުންނާއި، ޞިއްހީ ޚިދްމަތްތެރިންނާއި، ދަރުމަވެރިންގެ އިތުރުން ށ. އަތޮޅުގެ އެކި މުއައްސަސާތަކުގައި އިދާރީ ދާއިރާގައި ޚިދްމަތްކުރައްވާ ފަރާތްތައް ހިމެނެއެވެ. ހަމައެހެންމެ އެކި ދާއިރާތަކުން ޤައުމީ ފެންވަރުގައި، އަދި ބައިނަލް އަޤްވާމީ މައިދާނުގައި އެކި ކާމިޔާބީ ހޯދާފައިވާ ފަރާތްތަކަށްވެސް ވިޔަވަތި އެވޯޑް ދެއްވާފައިވެއެވެ.
މިއަހަރުގެ ވިޔަވަތި އެވޯޑް ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ދެއްކެވި ވާހަކަފުޅުގައި ށ. އަތޮޅުން ދައްކަމުން އަންނަ ނަމޫނާ ރީތީ އާދަތައް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ލޯކަލް ގަވަންމެންޓް އޮތޯރިޓީން ޢާއްމު ކުރައްވާފައިވާ ޕާފޯމެންސް އިންޑެކްސްގައި، ށ. އަތޮޅުގެ ރަށްތަކުން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރައްވާ، އެއަތޮޅުގެ ރަށްތަކުން ތަރައްޤީގައި ކުރަމުންދާ މަސައްކަތްތަކަށް މިނިސްޓަރ ހިތްވަރު ދެއްވާފައިވެއެވެ.
މިނިސްޓަރ ޒެނީޝާ ވިދާޅުވީ، ކުޑަކުދިންނަށް އިހްމާލުވެގެންނާއި، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އެ މިނިސްޓްރީއަށް ހުށަހެޅޭ ނިސްބަތް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ އަންނަ ކަމަށެވެ. އަދި ކުޑަކުދިންނަށް އަނިޔާ ލިބޭގޮތަށް އެއްވެސް ފަރާތަކުން އަމަލުކުރާނަމަ ލަސްނުކޮށް އެ މައުލޫމާތު ކަމާގުޅުންހުރި މުއައްސަސާތަކަށް ހުށަހެޅުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.
17685 (ސަތާރަ ހާސް ހަސަތޭކަ އަށްޑިހަ ފަސް) މީހުންގެ އާބާދީއެއް އޮންނަ ށ. އަތޮޅަކީ ނަމޫނާ އަތޮޅެކެވެ. 2012 ވަނަ އަހަރުން ފެށިގެން ށ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ދެއްވަމުން އަންނަ މި އެވޯޑް، ނަމޫނާއަކަށް ބަލާ ބައެއް އެހެން އަތޮޅުތަކުންވެސް އަންނަނީ އާއްމުންނަށް ހިތްވަރު ދިނުމުގެގޮތުން ތަފާތު އެވޯޑްތައް ދެއްވަމުންނެވެ.