ޚަބަރު

ކައުންސިލް އިންތިޚާބަށް ރީ-ރަޖިސްޓަރ ކޮށްފިންތަ؟


ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާނަމަ ރީ-ރަޖިސްޓްރީ ކުރުމުގެ ކަންކަން ވީހާވެސް އަވަހަށް ނިންމެވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރައްވައިފިއެވެ.

އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބާއްވަވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލާ ދެލައްކަ ފަންސާސް ހަތަރުހާސް އަށްސަތޭކަ ތިރީސް މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަންތަނުގައި ވޯޓުލާމީހުންގެ އަދަދުކަމަށް އިލެކްޝަންސް ކޮމިޝަނުން އަންދާޒާކުރައްވާ މީހުންގެ އަދަދު ހަތްދިހަ ހާހަށްއަރައެވެ.

އިންތިޚާބުގައި ވޯޓުލާ މީހުންގެ ތެރެއިން ރީރެޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކަށް އެފުރުޞަތު މިމަހުގެ ހަތަކުން ފެށިގެން އަންނަ ހޯމަ ދުވަހަށްވަނީ ހުޅުވާލައްވާފައެވެ. 

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން ރީ-ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށްދާނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ބެލެހެއްޓެވުމަށް ބާ ޖަމާލުއްދީންގެ ޢިމާރާތުގައި  ޤާއިމްކުރައްވާފައިވާ އިންތިޚާބީ މަރުކަޒުގައެވެ.

ރަށްރަށުގައި ނަމަ އެރަށެއްގައި ޤާއިމުކުރައްވާފައިވާ ފޯކަލް ޕޮއިންޓަށް ފޯމު ހުށައެޅުމުން ރީ-ރެޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ރިޒޯޓްތަކާއި، ސިނާޢީ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން އެންމެ ކައިރީގައިވާ ރަށެއްގެ ފޯކަލް ޕޮއިންޓް މެދުވެރިކޮށް ރީ-ރެޖިސްޓްރީ ކުރެއްވޭނެއެވެ.

ހުރިހާ ފަރާތްތަކުންވެސް އެންމެ ފަހު ވަގުތަށް މަޑުނުކޮށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރީރަޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަ ކުރައްވައި ވޯޓުލާ ތަން ކަށަވަރުކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ގެންދަވަނީ ތަކުރާރުކޮށް ދަންނަވަމުންނެވެ.

މިފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާ އިންޑިއާގެ ޓްރިވެންޑްރަމް އާއި ސްރީލަންކާގެ ކޮލަމްބޯގައި ވޯޓުލާ މީހުންވެސް މިމަހުގެ ސާދައިން އެކާވީހަށް ރަޖިސްޓްރީ ކުރުމަށްވަނީ ފުރުޞަތު ހުޅުވާލައްވާފައެވެ.

ޓްރިވެންޑްރަމުން ރެޖިސްޓްރޭޝަން ފޯމް ބަލައިގަންނަވަމުން ގެންދަވާނީ، އެސިޓީގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލޭޓް އޮފީހުން ކަމަށާއި،  ކޮލަމްބޯއިން ފޯމް ބަލައިގަންނަވަމުން ގެންދަވާނީ، އެތަނުގައި ހުންނަ ދިވެހި އެމްބަސީންކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއްވައެވެ.