ޚަބަރު

ކޮމަންވެލްތުން ވަކިވިޔަސް ފަތުރުވެރިކަމަކަށް އަސަރެއް ނުކުރާނެ


ފަތުރުވެރިން ރާއްޖެ އަންނަނީ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަމުގެ ސަބަބުންކަމަށާއި، ކޮމަންވެލްތުން ރާއްޖެ ވަކިވުމަކުން، ފަތުރުވެރިކަމުގެ ދާއިރާއަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެކަމަށް ދިވެހިރާއްޖެއިން އިނގިރޭސިވިލާތައް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޢާން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއިން ކޮމަންވެލްތުން ވަކިވާން ނިންމަވާ، އެކަން ދިވެހި ސަރުކާރުން ރަސްމީކޮށް ހާމަކުރައްވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުއެވެ. ސަރުކާރުގެ މި ނިންމެވުމާއި ގުޅިގެން، ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށްބުނެ، ބައެއް ފަރާތްތަކުން އަޑުއުފުލާ، ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެގެންދިޔައެވެ. ނަމަވެސް އޭރުވެސް ސަރުކާރުން ވިދާޅުވަމުންގެންދެވީ، މިއީ ދިވެހި ޤައުމުގެ ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި ސަރުކާރުން އެޅުއްވި ވަރަށްވެސް މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށާއި، ޤާނޫނީ ނިޒާމުގެތެރެއަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރާނަމަ، އެއީ ދިވެހި ސަރުކާރުން އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ފަތުރުވެރިކަމުގެ ސިނާޢަތަށް ސަރުކާރުގެ މި ނިންމެވުމުގެ ސަބަބުން އެއްވެސް ނޭދެވޭ އަސަރެއް ކޮށްފާނެތޯ ސުވާލުކުރުމުން، ރާއްޖޭން އިނގިރޭސިވިލާތައް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޢާން ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން އަންނަނީ ކޮންމެހެން ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށްވާތީ ނޫންކަމަށެވެ. އަދި ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކުން ފެށިގެން، އެންމެ ފަޤީރު ޤައުމުތައްވެސް ހިމެނޭކަމަށާއި، އެހެންނަމަވެސް ރާއްޖެއަށް ފަތުރުވެރިން އަންނަނީ ރާއްޖެއަށް ލިބިފައިވާ ރީތިކަމާއި، ގުދުރަތީ މުއްސަނދިކަމުގެ ސަބަބުންކަމަށެވެ.

"ކޮމަންވެލްތުން ރާއްޖެވަކިވުމަކުން ރާއްޖޭގެ ފަތުރުވެރިކަމަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ. އެއީ ކޮމަންވެލްތުގައި ރާއްޖެ ހިމެނޭތީކީނޫން ފަތުރުވެރިން ރާއްޖެ މިއަންނަނީކީ. ފަތުރުވެރިން ރާއްޖެއަމުގައި އަބަދުވެސް ބަލަނީ ރާއްޖޭގެ އަގުތަކާއި، ރާއްޖޭން ފޯރުކޮށްދޭ ޚިދުމަތާއި، ރާއްޖޭގެ މި ހަމަހިމޭންކަމާއި، ރާއްޖޭގައި އެމީހުން އެންޖޯއީކުރަން ބޭނުންވާ މާހައުލު. އެއަށް ބަލާފަ އެމީހުން ރާއްޖެ އަންނަން ނިންމާނީ" ޝިޢާން ވިދާޅުވިއެވެ.

އިނގިރޭސިވިލާތާއި، ޔޫރަޕްގެ މާކެޓްތަކަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު މާކެޓްތަކެއްކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ، ކޮމަންވެލްތުން ރާއްޖެވަކިވި ނަމަވެސް، ދުނިޔޭގެ ސްޓޭޖްތަކުން ރާއްޖެ ފަހަތަށް ނުޖެހޭނެކަމަށެވެ. ޝިޢާން ވިދާޅުވީ، ކޮމަންވެލްތުން ރާއްޖެވަކިވުމާއެކު، އެޖަމިއްޔާއަށް ރާއްޖެއިން ޚަރަދުކުރަމުންދިޔަ ފައިސާ، އެކި ކަހަލަ ޓްރޭޑް އިންވެސްޓްމަންޓް ފެއަރތަކާއި، ދޭދޭ ޤައުމުތަކުގެ ގުޅުން ބަދަހިކުރުމަށް ބޭނުންކުރެވޭނެކަމަށެވެ.

"އަޅުގަނޑުމެން ކޮމަންވެލްތުން މި ރިލީޒްވެގެން މިދިޔަ ފައިސާއިން އެހެނިހެން ކަންކަމަށް ބޭނުންކުރެވޭނެ. އިނގިރޭސިވިލާތާއި އޮންނަ ގުޅުން ބަދަހިކުރުމަށް ބޭނުންކުރެވޭނެ. ޓްރޭޑް އިންވެސްޓްމަންޓް ފޯރަމްތައް ބޭއްވުމަށް ބޭނުންކުރެވޭނެ. އެހެންވީމަ އަޅުގަނޑުމެންނަށް މިހާރު މި ލިބުނީ އާ މަގުތަކެއް. އާ ކަންތައްތަކެއް ކުރަން ކޮމަންވެލްތުން ވަކިވީމަ. ކޮމަންވެލްތުގައި އޮވެގެނެއް ހަޤީޤަތުގައި ރާއްޖެއަށް ލިބުނު މާ ބޮޑު ފައިދާތަކެއް ނެތް" ޝިޢާން ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ، އެކިގޮތްގޮތުން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކޮށް، އެންޓި ކެމްޕެއިންތައް އެކި ފަރާތްތަކުން ހިންގަމުންދިޔަ ނަމަވެސް، ދިވެހި ސަރުކާރާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެގޮތުން، މިއަދު ފެންނަމުންދަނީ މި ދާއިރަށް އިތުރު އިންވެސްޓަރުންލިބި، ރާއްޖޭގެ ފަތުރުވެރިކަން އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރައިގެންދާ މަންޒަރުކަމަށެވެ.