ދީން

މުސްލިމުން އަދާކުރަންޖެހޭ ވާޖިބްތަކަށް ސަމާލުވުން މުހިންމު


އެއްމުސްލިމަކު އަނެއް މުސްލިމަކަށްޓަކައި އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމަކީ ދީނީ ވާޖިބެއްގެ އިތުރުން ޢިޖުތިމާޢީ ގުޅުންވެސް ވަރުގަދަވެގެންދާނެ ކަމެއްކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުފްތީ އިސްމާޢީލް މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މިހެން ވިދާޅުވީ ޖަމްޢިއްޔަތުއް ރަޙްމާއިން އިންތިޒާމްކޮށްގެން އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި "އިލްމުޓޯކް"ގައި ތަޤްރީރު ކުރައްވަމުންނެވެ. އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އޮންނަ ޙައްޤުތަކާއި ބެހޭގޮތުން ތަޤުރީރުކުރައްވަމުން މުފްތީ ވަނީ ސަލާމް ގޮވުމާއި، ސަލާމަށް ޖަވާބް ދިނުމުގެ މުހިންމުކަމާއި ބެހޭ ގޮތުން ވާހަކަދައްކަވާފައެވެ. އަދި ދަޢުވަތެއް ދެވިއްޖެނަމަ އެ ދަޢުވަތަކަށް އިޖާބަ ދިނުމާއި އެކެއްގެ އުފަލާއި ހިތާމައިގައި އަނެކަކު ބައިވެރިވުމުގެ މުހިންމުކަން ވެސް މުފްތީ ފާހަގަކުރެއްވިއެވެ.

ބަލިމީހުންނަށް ގޮވާލަން ދިއުމާއި، ހެޔޮކަންކަމަށް ނަސޭޙަތްތެރިވުމަކީވެސް އަނެކާއަށްޓަކައި އަދާކޮށްދޭންޖެހޭ ޙައްޤެއްކަމަށް މުފްތީ ވިދާޅުވިއެވެ. އަދި ޣީބަ ބުނުމާއި ހަސަދަވެރިވުންފަދަ ކަންތައްތައް މުސްލިމުންގެ ތެރޭގައި އޮވެގެން ނުވާނެކަން މުފްތީ ފާހަގަކުރެއްވިއެވެ.

ރޭ ބޭއްވި ދަރުސްގައި ތަޤުރީރުކުރެއްވުމުގެ އިތުރުން މުފްތީ ވަނީ އިސްލާމީ މަރުކަޒުގައި އިއްޔެ،އިމާމްވެ ހުކުރު ނަމާދުވެސް ކުރައްވާފައެވެ.