ޚަބަރު

އައިފްލިކްސް ޚިދުމަތް ދިރާގުން ރާއްޖެއަށް ތައާރަފްކޮށްފި


ހޮލީވުޑް ފިލުމުތަކާއި އެންމެ މަޝްހޫރު ޓީވީ ޑްރާމާ ސިލްސިލާތަކާއި، ބޮލީވުޑްގެ މަޝްހޫރު ފިލްމުތައް އިންޓަރނެޓް މެދުވެރިކޮށް ބަލާލެވޭނެ ޚިދުމަތެއް ދުނިޔޭގެ ކުރިއަރަމުން އަންނަ އައިފްލިކްސް އާއި ގުޅިގެން ދިރާގުން ތަޢާރަފްކޮށްފިއެވެ.

މި ޚިދުމަތް ދިރާގުގެ ކަސްޓަމަރުންނަށް 3 މަސް ދުވަހަށް މުޅިން ހިލޭ ލިބިގެންދާނެއެވެ. ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި މި ޙިދުމަށް ރާއްޖެއަށް ތައާރަފްކޮށްދެއްވީ އައިފްލިކްސްގެ ހެޑް އޮފް ނިއު މާކެޓްސް ފޯ އައިފްލިކްސް މާޓިންގ ޔޮހަންސަން އަދި ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރ، އިޒަބެލް ހާޖްރީއެވެ. މި ޙިދުމަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އައިފްލިކްސްގެ ހެޑް އޮފް ނިއު މާކެޓްސް މާޓިންގ ޔޮހަންސަން ވިދާޅުވީ، ދިރާގު ކަސްޓަމަރުންނަށް މި ޕާރޓްނާޝިޕް ގެ ދަށުން އައިފްލިކްސް ގެ ލައިބްރަރީ އަށް އަންލިމިޓެޑް އެކްސެސް ލިބިގެންދާނެ ކަމަށެވެ. img:http://s3.psmnews.mv/images/660x400/14794995754584.jpg|އައިފްލިކްސް ރާއްޖެއަށް ތަޢާރަފްކުރުން - ފޮޓޯ: ޕީއެސްއެމް

އައިފްލިކްސް މެދުވެރިކޮށް ބައްލަވަން ބޭނުންފުޅުވާ ޝޯވއެއް ޑައުންލޯޑް ކުރައްވާ އޮފްލައިންކޮށް ބެއްލާލެވެނޭ ކަމަށް ދިރާގުން ހާމަކުރެއެވެ. އަދި އައިފްލިކްސް އަށް ލޮގް އިން ކުރައްވައިގެން ތަފާތު 5 ޑިވައިސް އަކުން މި ޚިދުމަތް އެއްފަހަރާ ލިބިގެން ދާނެއެވެ. މީގެ ތެރޭގައި ފޯން، ލެޕްޓޮޕް، ޓެބްލެޓް، ޑެސްކްޓޮޕް އަދި ޓީވީ ވެސް ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ.

މި ޙިދުމަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ، އިމްޖާދު ޖަލީލް ވިދާޅުވީ އައިފްލިކްސް އަށް އެކަނި ޚާއްޞަ އެކްސްކްލޫސިވް ޓީވީ ސިލްސިލާތަކާއި، އެންމެ މަގުބޫލު ޑްރާމާތަކާއި، ފިލްމުތަކާއި އަދި ކުޑަކުދިންގެ ޕްރޮގްރަމްތައް ހިމެނޭނެ ކަމަށެވެ. އައިފްލިކްސް ގެ ޚިދުމަތް މިހާރު މެލޭޝިއާ، ތައިލޭންޑް، ފިލިޕީންސް، އިންޑޮނޭޝިއާ، ސްރީލަންކާ، ބްރޫނާއި އަދި ރާއްޖޭގައި ލިބިގެން ދާނެއެވެ.