ޚަބަރު

ހުޅުމީދޫ ނެރުގެ ތިލަ ހިސާބު ގޮއްވާލުމުގެ މަސައްކަތް ފައްޓަވައިފި


އައްޑޫސިޓީ ހުޅުމީދޫ ހުޅަނގު ފަރާތުގައި ކަނޑުއްވާފައިވާ ނެރުގެ ތިލަ ހިސާބު ގޮއްވާލުމުގެ މަސައްކަތް މިއަދު ފައްޓަވައިފިއެވެ. ނެރު ގޮއްވުމަށްފަހު ނެރުގެ ބޭނުން ރަސްމީކޮށް ފެށިގެންދިއުމުން، އައްޑޫގެ މަސްވެރިންނަށާއި ދަތުރުވެރިންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އައްޑޫގެ ސަރުކާރުން ޤަބޫލުކުރައްވައެވެ.

ހުޅުމީދޫގެ ހުޅަނގު ފަރާތުން އިސްމެހެލެހެރަ އާއި ދެމެދުން ކަނޑުއްވާފައިވަ ނެރަކީ މީގެ 7 އަހަރު ކުރިން ކެނޑުއްވި ނެރެކެވެ. ނަމަވެސް ނެރުގެ ކަނޑާއި ގުޅިފައިވާ ހިސާބުގައި ގައު ގިނަވެ، އެތަން ތިލަކަމުން ނެރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި އައްޑޫގެ ރައްޔިތުންނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް ސަރުކާރުން އިސް ނަންގަވައިގެން މިއަދު ވަނީ ނެރުގެ ތިލަ ހިސާބު ގޮއްވާލާފައެވެ. ނެރު ގޮއްވުން ކުރިއަށްދިޔަ ވަގުތު ރަށުގެ ކަމުވޮށިގެންވާ ގިނަ ޢަދަދެއްގެ ބަޔަކު މަންޒަރު ދުރުން ފެންނަ ހިސާބުގައި ތިބިކަން ފާހަގަކުރެވުނެވެ.

ނެރު ގޮއްވަމުންދަނީ ހައުސިން މިނިސްޓްރީގެ ތަޖުރިބާކާރުންނެވެ. އެޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުންދާ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ ޢަލީ ސަލީމް ވިދާޅުވީ ނެރު ގޮއްވަމުންދަނީ ތިމާވެއްޓަށް ކުރާ އަސަރުތައް ދެނެގަތުމުގެ އީ.އައި.އޭ ރިޕޯޓަށް ބަލައިގެން، ވީ އެންމެ ރަގަޅަކަށް ކަމަށެވެ.

އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ޖުނައިދު ވިދާޅުވީ، ނެރު ގޮއްވުމުން ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ތިމާވެއްޓަށް ކުރި ނަމަވެސް، މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ފައިދާތައް މާގިނަ ކަމަށެވެ. ޚާއްސަކޮށް ކަނޑުއޮޅިން ހުރަސްކުރުމަށް ދަތުރުކުރަންޖެހޭ މިންވަރު ކުޑަވެގެންދާނެކަން ޖުނައިދު ފާހަގަކުރެއްވިއެވެ.

ޕީ.އެސް.އެމާ ވާހަކަދެއްކި ބައެއް އާންމުން ބުނީ ނެރު ގޮއްވުމަށް ރަށުގެ ރައްޔިތުންގެ ފުރިހަމަ ތާޢީދު އެބައޮތް ކަމަށާއި، މިއީ 8 އަހަރުވީ އިންތިޒާރެއްގެ ނިމުން ކަމަށެވެ. ހުޅުމީދޫ ހުޅަނގު ފަރާތު ނެރަކީ، އައްޑޫގެ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި އައްޑޫސިޓީގެ ގޭޓެވެ. ނެރުގެ ސަބަބުން ފުވައްމުލައް ސިޓީއަށް ކުރާ ފެރީގެ ދަތުރުތައް ކުރުމުގައި 20 މިނިޓް އަވަސްވެގެންދާނެ ކަމަށް ދެކުނުގެ ދަތުރުފަތުރުގެ ޚިދުމަތްދޭ އެމް.ޕީ.އެލުން ކުރިންވެސް ވަނީ ބުނެފައެވެ.