ދީން

މުދަލު ޒަކާތާމެދު ފަރުވާ ކުޑަނުކުރުމަށް ޚުތުބާގައި ގޮވާލައްވައިފި


މުދަލުޒަކާތް ދެއްކުމާމެދު ފަރުވާކުޑަނުކޮށް، ދީނީ މި ވާޖިބު އޭގެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް ހަނދުމަކޮށްދެއްވައި މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދެއްވި ޚުތުބާގައި ގޮވާލައްވައިފިއެވެ.

ޒަކާތްދިނުމާއި، ޞަދަޤާތްދިނުމުގެ  ދުނިޔަވީ މަންފާތަކުގެ ތެރޭގައި ތިމާގެ މުދާ ތާހިރުކުރުމާއި، ބަލިތަކަށް ޝިފާލިބުން ލައްވާފައިވާކަން ކީރިތި ރަސޫލާ މުޙައްމަދު ސައްލަ ﷲ އަލައިހިވަސައްލަމްގެ ޙަދީޘްފުޅުތަކުން މިސާލު ދައްކަވައި މިއަދު ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި އިއްވެވި ޚުތުބާގައި ވިދާޅުވެފައިވާނީ، ޒަކާތްދިނުމާއި ސަދަޤާތް ދިނުމުގެ ދުނިޔަވީ މަންފާތަކުގެ ތެރޭގައި ތިމާގެ މުދާ ތާހިރުވުމާއި، ބަލިތަކަށް ޝިފާ ލިބުންވެސް ލައްވާފައިވާކަމަށެވެ.

މުދަލަކީ އެއްވެސް ޙާލަތެއްގައި ރައްކާކޮށްފައި ބަހައްޓަންވީ އެއްޗެއް ނޫންކަމަށާއި، އެގޮތުން މުދާވެރިކަމާއި ތަނަވަސްކަން ލިބިފައިވާ މީހުން ޒަކާތްދެއްކުމާއެކު، ﷲ ގެ މަގުގައި ހޭދަކުން ޖެހޭކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

މިއަދުގެ ޚުތުބާގައި މިސްކިތަކީ، ބިންމަތީގައިވާ އެންމެ މުޤައްދަސް ތަންކަމަށާއި، ކީރިތި ރަސޫލު މުޙައްމަދު ޞައްލަ ﷲ އަލައިހިވަސައްލަމް މައްކާއިން މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު އެންމެ ފުރަތަމަވެސް ބިނާކުރެއްވީ، މިސްކިތެއްކަން ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން އިސްލާމީ މުޖުތަމަޢުގެ ކޮންމެ ފަރުދަކުވެސް އެމީހެއްގެ ތަނަވަސްކަން ހުރި މިންވަރަކުން، މިސްކިތްތައް ބިނާކުރުމާއި މަރާމާތުކުރުމަށް އެހީތެރިވާން ކެހޭކަމުގައި ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

ކޮންމެ ބަޔަކުވެސް އަމިއްލަ ގެތަކާއި، ޢިމާރާތްތައް ޒީނަތްތެރިކަމާއެކު ބިނާކުރަމުންދާ ފަދައިން މާތް ﷲ ގެ ގެކޮޅުތައްވެސް ޒީނަތްތެރިކުރަން އިސްލާމް ދީނުގައި ބާރުއަޅުއްވާފައިވާއިރު، މާތް ﷲ އަށް އަޅުކަންކޮށް ނަމާދުކުރުމައްޓަކައި މިސްކިތައް ޙާޟިރުވާ މީހުންނަށް ފަސޭހާވާނެގޮތަށް މިސްކިތްތައް ބިނާކުރަން ޖެހޭކަންވެސް މިއަދުގެ ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

މިސްކިތްތައް ބިނާ ކުރުމާއި، މިސްކިތްތަކަށް ހޭދަކުރުމަކީ، އެންމެ މަތިވެރި ހޭދަކަން ކީރިތި ޤުރުއާނާއި ރަސޫލު ﷲ ގެ ފާނުގެ ހަދީސްތަކުންވެސް އެނގި ޞާބިތުވެއެވެ.