މުދަލުގެ ޒަކާތަކީ، ނިސާބުގެ ހަމަވުމުގެ ސަބަބުން އެ ޒަކާތް ދެއްކުން ވާޖިބު ކޮންމެ މީހެއްގެ މުދަލުން ދައްކަންޖެހޭ އެއްޗެކެވެ. މުދަލުގެ ޒަކާތުގެ މިހާރުގެ ނިޞާބަކީ ހަތަރުހާސް ދުއިސައްތަ ބާރަ ރުފިޔާ ފަސްދޮޅަސް ލާރިއެވެ. މުދަލުގެ ޒަކާތް ނެރުން ވާޖިބުވާނީ މުދަލުގެ ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވެ، އެއަށް ހިޖުރީ އަހަރުން އެއްއަހަރު ފުރުމުންނެވެ. އެހެންކަމުން މީހެއްގެ އަތުގައި ހުރި މުދަލުގެ ނިޞާބު ހަމަވެ، ނިޞާބަށްވުރެ މަދުނުވެ އެއްއަހަރުވެއްޖެނަމަ، އެމުދަލުގެ ސާޅީސްބައިކުޅަ އެއްބައި، ޒަކާތަށް ނެރުން ވާޖިބުވެއެވެ.
ރާއްޖޭގައި މުދަލު ޒަކާތް ދައްކާ މީހުންގެ ޢަދަދު ވަރަށް މަދުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ވޭތުވެދިޔަ 3 އަހަރުގެ މުދަލު ޒަކާތުގެ ތަފާސް ހިސާބަށް ބަލާލައިރު ދެހާސް ސާދަ ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 30 މިލިއަން ރުފިޔާއެވެ. ދެހާސް ފަނަރަ ވަނަ އަހަރު ލިބިފައިވަނީ 35 މިލިއަން ރުފިޔާއެވެ. އަދި ހިނގަމުން މިދާ 2016 ވަނަ އަހަރު ލިބިފައިވަނީ 34 މިލިއަން ރުފިޔާއެވެ.
މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބައްސަވަނީ އެކަމަށް ޙައްޤުވާ ފަރާތްތަކުގެ މެދުގައި އިސްލާމިކް މިނިސްޓްރީގެ ކަމާބެހޭ ކޮމެޓީއަކުންނެވެ. މިގޮތުން ޒަކާތް ބައްސަވާފައިވަނީ ފަޤީރުންނާއި މިސްކީނުންގެ މެދުގައާއި ފީސަބީލިﷲ ގެ ގޮތުގައި ހިމެނޭ ކަންކަމެވެ. މިގޮތުން ވޭތުވެދިޔަ ތިންއަހަރުގެ ތެރޭގައި ޒަކާތުގެ ފައިސާ މައިގަނޑު ގޮތެއްގައި ބަހާފައިވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، ދީނީ ހޭލުންތެރިކަމަށާއި، މަތީ ތަޢުލީމުގެ ފުރުޞަތުތަކަށާއި، ޤުރުއާން ތަރައްޤީކުރުމަށް އަދި ބޭސްފަރުވާއަށެވެ.
މިއަހަރު ޒަކާތުގެ ފައިސާއިން އެންމެ ބޮޑު ހޭދައެއް ކުރައްވާފައިވަނީ ދީނީ ހޭލުންތެރިކަން އިތުރުކުމުގެ ޙަރަކާތްތައް ހިންގިމާއި އެކަމާގުޅޭ ފޮތްތައް ޗާޕްކުރުމަށެވެ. މިގޮތުން މިކަމަށް އެގާރަ މިލިއަން ރުފިޔާ ވަނީ މިއަހަރު ހޭދަކޮށްފައެވެ. ދެން މިއަހަރު އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ޤުރުއާން ތަރައްޤީކުރުމަށާއި ކްލާސްތަކާއި މަރުކަޒުތަކަށެވެ. މިކަމަށް ނުވަމިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ހަ މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ދާ ކުދިންނަށް ފަސް މިލިއަން ރުފިޔާ ވަނީ ހޭދަކުރައްވާފައެވެ. އަދި ޑޮކްޓަރުން ތަމްރީނުކުރެއްވުމަށްވެސް މިއަހަރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ވަނީ ހޭދަކުރައްވާފައެވެ.
ނަމާދު ފަދައިން ޒަކާތަކީވެސް އިސްލާމްދީނުގެ ރުކުނެއްކަމުގައި ވުމުން ނަމާދު އަދާކުރާނެގޮތުގެ ޙުކުމްތައް ދަސްކުރާ ފަދައިން ޒަކާތުގެ ޙުކުމްތައްވެސް ދަސްކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ. އަދި ޒަކާތް ވާޖިބުވުމުގެ ޝަރުތު ހަމަވެފައިވާ ކޮންމެ މީހަކުވެސް ޒަކާތް ނެރުމަށް އަވަސްވެގަންނަންޖެހެއެވެ.