ޚަބަރު

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ކޭކް ފެޅުން


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ސަރުކާރުގެ އިދާރާތަކާއި، ސަރުކާރުގެ ކުންފުނިތަކުން ކޭކް ފެޅުމުގެ ޚާއްސަ ޙަރަކާތެއް ފަށައިފިއެވެ.

ކާމިޔާބު 3 އަހަރު ފާހަގަކުރުމުގެ ގޮތުން އެމް އާރުޑީސީގައި ބޭއްވި ކޭކް ފެޅުމުގެ ރަސްމިއްޔާތުގައި ކޭކް ފަޅުއްވާދެއްވީ އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ. ކޭކް ފެޅުމުގެ ރަސްމިއްޔާތުގައި އެކުންފުނީގެ މާލޭ އޮފީހުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ބައިވެރިފައިވެއެވެ. ކޭކް ފެޅުމުގެ ހަރަކާތަށްފަހު ޕީއެސްއެމް އާއި ވާހަކަދައްކަވަމުން އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ގިނަ މަސައްކަތްތަކެއް އެމްއާރުޑީސީން ކުރިޔަށް ގެންދަވާއިރު، މި ޕުރޮޖެކްޓްތައް ވަރަށް ކާމިޔާބު ކަމާއެކު ރަށްރަށުގައި ކުރިޔަށްދާ ކަމަށެވެ.

އެމްއާރުޑީސީގެ އިތުރުން އިސްލާމިކް މިނިސްޓްރީންވެސް ވަނީ ކޭކު ފެޅުމުގެ ޙަރަކާތް ކުރިއަށްގެންދަވާފައެވެ. ކޭކް ފަޅުއްވާދެއްވީ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދުއެވެ. މީގެ އިތުރުން މިއަދުގެ އެކި ވަގުތުތަކުގައި ސަރުކާރުގެ އިދާރާތަކުގަޔާއި، ކުންފުނިތަކުގައި ސަރުކާރުގެ ކާމިޔާބު ތިން އަހަރު ފާހަގަކުރުމުގެ ގޮތުން ހަރަކާތްތައް ކުރިޔަށްގެންދެވުމަށް ވަނީ ރާއްވަވާފައެވެ.